އައްޑޫ ލިންކް ރޯޑްގެ މާމެންދޫ ދިމާލުން އޮންނަ "ރުއްގަނޑު" ގައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް މިއަދު ނަގައިފި އެވެ.
ރުއް ނެގި އިރު، އެ ސަރަހައްދަކީ ލިންކްގެ މަގު ވަކި ދެ ލޭނަކަށް ވެސް އޮންނަ ސަރަދައްދެކެވެ. އަދި ރުއްތައް ހުރީ ދެ ލޭންގެ މެދުގައި އޮތް ހުސް ޖާގަ އާއި މަގުގެ އެއް ފަރާތުގަ އެވެ. ނެގި ރުއްތަކުގެ އަދަދު 50 އަށް އަރަ އެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު "އައްޑޫ ލައިވް" އަށް ވިދާޅުވީ "ރުއްގަނޑު" ގައި ރުއްތައް އެއްކޮށް ނެގީ މަގު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އެކަން ކުރީ އެންވަޔަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ވެސް ލިބިގެން ކަމަށް ވިދާޅުވި އެވެ.

"ފުދޭ ވަރަކަށް ދުވަސްވީ އަދި ވަރަށް ބަލިކަށިކޮށް ހުރި ރުއްތަކެއް މި ތަނުގައި ހުރީ. އެއްވެސް މަންފާއެއް ލިބޭ ރުއްތަކެއް ވެސް ނޫން އެއީ،" ނިޒާރު ވިދާޅުވި އެވެ. "އެހެންވެ އެ ރުއްތައް ނެގީ އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި. އިހަކަށް ރޭ ވެސް މިތަނުން ރުކެއް ބިނދިގެން ވެއްޓިފައިވޭ. އަދި ހަމަ ވަރަށް ފަހުން ރުކަކުން އެއްޗެއް ވެއްޓި ކާރެއްގެ ވިންޑްސްކްރީންގައި ޖެހި އޭގައި އިން މީހާގެ ލޮލަށް ވެސް ގެއްލުންތަކެއް ލިބިފައިވޭ."
އޭނާ ވިދާޅުވީ ނެގި ރުއްތަކުގެ ބަދަލުގައި ރުއްތައް ހުރި ސަރަހައްދުގައި ދެން ޖަހާނީ ގަސްތަކެއް ކަމަށެވެ.

"އެކަމަކު އެއީ ކޮން ކަހަލަ ގަސްތަކެއް ކަމެއް އަދި ނުނިންމާ. ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ. އަދި އެ ސަރަހައްދުގައި ލައިޓް ޖެހުމުގެ މަސައްކަތް ވެސް ކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
ލިންކް ރޯޑްގެ "ރުއްގަނޑު" ގައި ހުރި ރުއްތައް ނެގި އިރު، ކައުންސިލުން އަންނަނީ 100،000 ރުއް އައްޑޫގައި އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ގައި ފެށި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އަވަށްތަކުގެ އެކި ހިސާބުތަކުގައި ރުއް އިންދާފައިވެ އެވެ.