ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. މޮޅަދޫ ކުޅީގައި އީކޯ ޕާކެއް ހަދައިފި އެވެ.
މިއީ ރަށުގެ ހިތްގައިމު ކުޅީގެ ގުދުރަތީ ރީތިކަން އާންމުންނަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސައިލެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ހެދި ތަނެކެވެ. ގައުމީ ބޭންކުން ބުނި މީގެ ސަބަބުން ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓައި އެތަނުގެ މައުލޫމާތު ޒިޔާރަތްކުރާ މީހުންނާއި ހާއްސާކޮށް ރަށުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް އެހީއަކަށް ވާނެ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުޅީގައި ވިއުވިން ޕްލެޓްފޯމަކާއި ކުޅި ހިމެނޭ ސަރަޙައްދުގައި ބެންޗާއި ޖޯލިފަތި، އުނދޯލި އަދި ޑަސްބިން ފަދަ ތަކެތި ބަހައްޓައި ސޯލާ ބައްތި ހަރުކޮށްފައިވެ އެވެ.
ކޮމިއުނިޓީ ފަންޑްގެ އެހީގައި ޕްރޮޖެކްޓް ހިންގި ޗިލް ބްރޯސް ޖަމިއްޔާ އިން ބުނީ މިއީ އެ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި އެ ރަށުގެ ރީތިކަން ރަށަށް ޒިޔާރަތްކުރާ މީހުންނަށް ފެންނާނެހެން ކުރިޔަށް ގެންދިޔަ ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން މިހާތަނަށް ރަށްރަށުގައި މިފަދަ 60 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގާފައިވެ އެވެ.