Last Updated: April 24, 21:44
Thursday, April 24, 2025
ޚަބަރު

"ރުއް ކެނޑިޔަސް އާންމުން ރުޅިގަދަވާކަށް ނުޖެހޭ"

އައްޑޫ ލިންކް ރޯޑްގެ މާމެންދޫ ދިމާލުން އޮންނަ "ރުއްގަނޑު" ގައި ހުރި ގިނަ އަދަދެއްގެ ރުއްތަކެއް ކެނޑިޔަސް އާންމުން ރުޅިގަދަވާން ނުޖެހޭ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރުއް ނެގި އިރު، އެ ސަރަހައްދަކީ ލިންކްގެ މަގު ވަކި ދެ ލޭނަކަށް ވެސް އޮންނަ ސަރަދައްދެކެވެ. އަދި ރުއްތައް ހުރީ ދެ ލޭންގެ މެދުގައި އޮތް ހުސް ޖާގަ އާއި މަގުގެ އެއް ފަރާތުގަ އެވެ. ނެގި ރުއްތަކުގެ އަދަދު 50 އަށް އަރަ އެވެ.

ރުއްތައް ކެނޑުމާ ގުޅިގެން އާއްމުންގެ ނުރުހުން އައްޑޫ ސިޓީ ކައުންސިލަށް އަމާޒު ކުރަމުންދާ އިރު ނިޒާރު ވިދާޅުވީ އާއްމުން ރުޅިގަދަވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ރުއްތަކުން އާއްމުންނަށް ފައިދާއެއް ނުވާ ކަމަށެވެ.

"އެއަކުން އަޅުގަނޑުމެންނަށް ކާއްޓެއް ލިބެނީއެއް ނޫން. އެއަކުން ހިޔަލެއް ވަނީއެއް ނޫން، ނުރައްކާވާ ކަމެއް. ދެން އާއްމުން ރުޅި އަންނަން ޖެހޭ ސަބަބެއް ނެތް." ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ރަނގަޅު ކަމެއް ވިޔަސް އަދި ގޯސް ކަމެއް ވިޔަސް ގިނަ ފަހަރު ކޮންމެވެސް އެއްޗެކޭ ބަޔަކު ކިޔަންޖެހޭނެ ކަމަށާއި އެހެންވެ ކިޔަނީ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ނިންމި ނިންމުމެއް ކަމަށާއި މީގެ ބަދަލުގައި އިންދަންޖެހޭ ރުއްތަށް އިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

"ރުއްގަނޑޫ" ސާފުކުރުމުން އެ ސަރައްހަދު މިހާރު ފެންނަ ގޮތް. ފޮޓޯ/ އައްޑޫ ލައިވް

ކައުންސިލުން ބުނިގޮތުގައި ރުއްތައް ކަނޑާފައިވަނީ އެންވަޔަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ލިބިގެންނެވެ.

ލިންކް ރޯޑްގެ "ރުއްގަނޑު" ގައި ހުރި ރުއްތައް ނެގި އިރު، ކައުންސިލުން އަންނަނީ 100،000 ރުއް އައްޑޫގައި އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ގައި ފެށި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އަވަށްތަކުގެ އެކި ހިސާބުތަކުގައި ރުއް އިންދާފައިވެ އެވެ.