Last Updated: February 14, 21:03
Friday, February 14, 2025
ޚަބަރު

ރުއްތައް ކަނޑާލުމުން އެމްއާރްއެމްގެ ކަންބޮޑުވުން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އައްޑޫ ލިންކް ރޯޑްގެ މާމެންދޫ ދިމާލުން އޮންނަ "ރުއްގަނޑު" ގައި ހުރި ގިނަ އަދަދެއްގެ ރުއްތައް ކަނޑާލުމުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރުއް ނެގި އިރު، އެ ސަރަހައްދަކީ ލިންކްގެ މަގު ވަކި ދެ ލޭނަކަށް ވެސް އޮންނަ ސަރަދައްދެކެވެ. އަދި ރުއްތައް ހުރީ ދެ ލޭންގެ މެދުގައި އޮތް ހުސް ޖާގަ އާއި މަގުގެ އެއް ފަރާތުގަ އެވެ. ނެގި ރުއްތަކުގެ އަދަދު 50 އަށް އަރަ އެވެ.

ރުއްތައް ކެނޑުމާ ގުޅިގެން އާއްމުންގެ ނުރުހުން އައްޑޫ ސިޓީ ކައުންސިލަށް އަމާޒުވެފައިވާއިރު އެމްއާރްއެމް އިން ކުރި ޓްވީޓެއްގައި ބުނީ ދެމެހެއްޓެނިވި ތަރައްގީ އަކީ ޤުދުރަތީ ވަޞީލަތްތަކާއި ތިމާވެއްޓަށް އިސްކަން ދީގެން ހޯދާ ތަރައްޤީ ކަމަށެވެ. އަދި ރައްޔިތުން ޤަބޫލުކުރާ ފަދަ މަޤުބޫލު އުޒުރެއް ނެތި މިގޮތަށް ތިމާވެއްޓަށް ގެއްލުންދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްއާރްއެމް އިން ބުނެ އެވެ.

ރުއްތައް ކެނޑި މައްސަލައިގައި އައްޑޫ މޭޔަރު އަލީ ނިޒާރު "އައްޑޫ ލައިވް" އަށް ވިދާޅުވީ "ރުއްގަނޑު" ގައި ރުއްތައް އެއްކޮށް ނެގީ މަގު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އެކަން ކުރީ އެންވަޔަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ވެސް ލިބިގެން ކަމަށް ވިދާޅުވި އެވެ.

"ފުދޭ ވަރަކަށް ދުވަސްވީ އަދި ވަރަށް ބަލިކަށިކޮށް ހުރި ރުއްތަކެއް މި ތަނުގައި ހުރީ. އެއްވެސް މަންފާއެއް ލިބޭ ރުއްތަކެއް ވެސް ނޫން އެއީ،" ނިޒާރު ވިދާޅުވި އެވެ. "އެހެންވެ އެ ރުއްތައް ނެގީ އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި. އިހަކަށް ރޭ ވެސް މިތަނުން ރުކެއް ބިނދިގެން ވެއްޓިފައިވޭ. އަދި ހަމަ ވަރަށް ފަހުން ރުކަކުން އެއްޗެއް ވެއްޓި ކާރެއްގެ ވިންޑްސްކްރީންގައި ޖެހި އޭގައި އިން މީހާގެ ލޮލަށް ވެސް ގެއްލުންތަކެއް ލިބިފައިވޭ."

އޭނާ ވިދާޅުވީ ނެގި ރުއްތަކުގެ ބަދަލުގައި ރުއްތައް ހުރި ސަރަހައްދުގައި ދެން ޖަހާނީ ގަސްތަކެއް ކަމަށެވެ.