އޮޅުވާލައިގެން ފައިސާ ހޯދުމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީގެ ހިއްސާ އޮންނަ "ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ އެކައުންޓް ރޭ ބޭންކު އޮފް މޯލްޑިވްސް އިން ފްރީޒް ކޮށްފި އެވެ.
އަލްހާންގެ ކިންގްސް ފްރެކްސް ޓްރޭޑިންގެ އެކައުންޓު ފްރީޒު ކޮށްފައިވަނީ އިއްޔެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި ފައިސާގެ ބޮޑެތި ސްކޭމް ހިންގާ ފަރާތްތަކަށް ސަމާލުވުމަށާއި އެފަރާތްކަށް ފިޔަވަލު އެޅުމަށް ބޭންކުތަކަށް އަންގާފައިވަނިކޮށެވެ.
ކިންގްސް ފްރެކްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެކުންފުންޏަށް އަމާޒުކޮށް ކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، ކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ މިކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު ބަޔާން ކުށްވެރި ކުރާ ކަމަށެވެ. އަދި މިއީ އެމްއެމްއޭގެ އަންޕްރޮފެޝަނަލް ބަޔާނެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް މިކުންފުންޏަށް އަމާޒުކޮށް މިކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް ، މިކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ މިކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރަން!
— 𝗞𝗶𝗻𝗴’𝘀 𝗙𝗼𝗿𝗲𝘅 𝗧 (@KingsForexTrade) March 10, 2022
އެމްއެމްއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށާއި އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
"މިހެންކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫނެވެ. އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަށް އެފަރާތްތަކުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ" އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ވަނީ ސްކީމްއަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށްވެސް އަނބުރާ ދެވޭނެ އެއްޗެއް ނޫންކަން ވެސް ފާހަގަކޮށްފަ އެވެ. އެހެންކަމުން މިފަދަ ސްކީމްތަކާ މެދު ސަމާލުވެ، އޭގައި ބައިވެރި ނުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.