އިންޑިއާގެ ކެއުންތައް ތައްޔާރުކުރާ އިރު ވަރަ އާންމުކޮށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެއް ކަމަށްވާ ކޮބަންބިރިފަތް ނުވަތަ ސިލާންޓްރޯ އެ ގައުމުގެ "ގައުމީ ފަތްފިލާވެލީ" ގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ބުރާސްފަތި ދުވަހު ޗޭންޖް.އޯގްގައި ރަސްމީކޮށް ސޮއިކުރަން ފެށި މި ޕެޓިޝަންގެ ފަހަތުގައި އިސްކޮށް ހުރީ އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ ޝެފް ރަންވީރު ބްރާރް އެވެ. އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ކައްކާ އެތައް ޝޯއެއް އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރު "މާސްޓަ ޝެފް" އިންޑިއާގެ ވާޝަންގެ ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ރަންވީރުގެ ޕެޓިޝަނުގައި މިހާތަނަށް 10،000 މީހުން ސޮއިކޮށްފައިވެ އެވެ.
މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ ކާނާތަކުގެ ރަހަ ހެޔޮވަރުކޮދޭން ބޭނުންކުރަމުން އަންނަ ކޮތަންބިރިފަތް ގައުމީ ފަތްޕިލާވެލީގެ ބާވަތެއްގެ ގޮތުގައި ކަނޑަޅައި ދިނުމަށް އިންއާގެ ފުޑް ޕްރޮސެސިން އިންޑަސްޓަރީސް މިނިސްޓްރީ އަށް ހުށަހެޅުމެވެ.
ރަންވީރު ބުނި ގޮތުގައި އިންޑިއާގައި އާންމުކޮށް ކިޔާ ގޮތުން ބަމަ "ދަނިޔާ" އަކީ އިންޑިއާގެ ކާނާތަކުގެ ރަހަ ހެޔޮވަރުކޮށް ދިނުމުގެ އިތުރަށް ކާނާތައް ގާނިޝްކުރުމުގައި ވެސް އެންމެ އާންމުކޮށް ބޭނުންކުރެވޭ ފަތެވެ. އަދި އިންޑިއާގެ ކާނާ ތައްޔާރުކުރާ އިރު، ހަވާދުގެ ގޮތުގައި ބޭނުންކުރެވޭ ހަވާދުގެ އެންމެ މުހިއްމު އެއް ބާވަތީ ސީދާ ކޮތަންބިރި އެވެ. އެގޮތުން ކޮތަންބިރި އަކީ އެތައް ވައްތަރެއްގެ ކާނާއެއް ތައްޔާތުކުރަން އެތައް ގޮތަކަށް ބޭނުންކުރެވޭ އެއްޗެކެވެ.
ރަންވީރު ބުނީ ކޮތަންބިރިފަތަށް ރައްޔިރުންގެ ހިތްތަކުން ދެވިފައި ވަނީ ވަރަށް ވެސް ހާއްސަ މަގާމަކާއި ގަދަރެއް ކަމަށެވެ. އެހެންވެ އެއަށް ގައުމީ ފެންވަރުގައި ވެސް ހާއްސަ ކަމެއް ލިބެން ޖެހޭ ކަމަށް އިންޑިއާ އިން ބޭރުގައި ވެސް އަމިއްލަ ރެސްޓޯރަންޓްތަކެއް ހިންގާ ޝެފް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮތަންބިރިފަތް "ގައުމީ ފަތްފިލާވެލީ" ގެ ގޮތުގައި ކަނޑައަޅައިދިނުމަށް ރަސްމީކޮށް މަސައްކަތް ފެށީ މީގެ ދުވަސްކޮޅެއް ކުރިން މަޖަލަކަށް ހަދާފައި އެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރުމުން ވަރަށް ގި ބަޔަކު އެކަމަށް ތާއީދުކުރުމުން ކަމަށެވެ.
"ގިނަ ބަޔަކު މިކަން ބޭނުންވެފައި ތިބިކަން އެނގުނީމަ ވަަރަށް ބޮޑު ހިތްވަރަކަށްވީ ޕެޓިޝަނެއް. އުންމީދުކުރަން މިކަން ކާމިޔާބުވާނެ ކަމަށް،" ރަންވީރު ބުންޏެވެ. "ރާނީއަކަށް ތާޖެއް މުހިއްމުވާ ފަދައިން އިންޑިއާގެ ކެއުންތައް އަސްލު ފުރިހަމައެއް ނުވާނެ ކޮތަންބިރިފަތާ ނުލައެއް. އެހެންވީމަ އެއަށް ހައްގު ރަސްމީ ޝަރަފެއް އޮތުން ވަރަށް މުހިއްމު."
ކޮތަންބިރިފަތަކީ އޭޝިއާގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ކެއުންތަކުގައި ވެސް ބޭނުންކުރާ މުޅި ދުނިޔޭގައި ވެސް މަގުބޫލު ހާބްގެ ބާވަތެކެވެ.