ދެހާސް ސަތާރަ ވަނަ އަހަރު މޯލްޑިވްސް އިމިގްރޭޝަނުން މުވައްޒަފުންގެ ޔުނިފޯމް ފެހުމަށް ބޭނުންވާ ފޮއްޗާއި ޔުނިޔޯމާއި ގުޅޭ އެހެނިހެން ތަކެތި ގަތުމުގެ މުއާމަލާތް ހިންގާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށްކަން ހާމަވެއްޖެ އެވެ.
"މޯލްޑިވްސް އިމިގްރޭޝަންގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް"ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މޯލްޑިވްސް އިމިގްރޭޝަނުން މުވައްޒަފުންގެ ޔުނިފޯމް ފެހުމަށް ބޭނުންވާ ފޮއްޗާއި އަދި ޔުނިފޯމާއި ގުޅޭ އެހެނިހެން ތަކެތި ގަތުމަށް 20 ސެޕްޓެންބަރު 2017 ގައި މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 199,887 އެމެރިކާ ޑޮލަރުގެ ތަކެތި ގަތުމަށް އެ ކުންފުންޏަށް އޯޑަރު ކޮށްފައިވާ ކަމަށާއި، އަދި މި ތަކެއްޗަށް ދެ ފަހަރެއްގެ މަތިން ޖުމުލަ 139,921 އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށެވެ. މި މުއާމަލާތް ހިންގުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ބައެއް ކަންތައްތައް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރު ކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
އެގޮތުން މުވައްޒަފުންގެ ޔުނިފޯމް ފެހުމަށް ބޭނުންވާ ފޮއްޗާއި ޔުނިފޯމާއި ގުޅޭ އެހެނިހެން ތަކެތި ގަތުމަށް އިމިގްރޭޝަނުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ކޮންޓްރެކްޓަރ އާއި ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ މާލީ އަދި ދފަންނީ ގާބިލުކަން ޔަގީން ނުކޮށް ކަމަށެވެެ. މީގެއިތުރުން، ޔުނިފޯމު ފޮއްޗާއި އެހެނިހެން ތަކެތި ގަންނަން ހަވާލުކުރި ކޮންޓްރެކްޓް ހަވާލުކުރުމުގެ ހުއްދައަށް އެދި މޯލްޑިވްސް އިމިގްރޭޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ޔުނިފޯމު ފޮތި ހޯދުމަށް ބޭރުގެ އެކި ކުންފުނިތަކާއި މަޝްވަރާކުރެވުނު ކަމަށާއި، މިގޮތަށް މަޝްވަރާ ކުރުމަށްފަހު އެންމެ ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ވަކި ކުންފުންޏެއް ފާހަގަކުރެވިފައި ވާކަމަށެވެ. ނަމަވެސް، މިކަމާ ބެހޭގޮތުން، ބޭރުގެ ކުންފުނިތަކާއެކު ކުރެވުނު މަޝްވަރާތަކުގެ އެއްވެސް ލިޔެކިޔުމެއް، އަދި މަޝްވަރާކުރެވުނު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނި ހޮވުމަށް ބޭނުންކުރި މިންގަނޑު އެނގޭނެ ލިޔުމެއް، އަދި މިކަމަށް އިވެލުއޭޝަނެއް ހަދާފައިވާނަމަ އެ އިވެލުއޭޝަންގެ ތަފުސީލު އެނގޭނެ އެއްވެސް ލިޔުމެއް އޮޑިޓަރުންނަށް ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
"އެހެންކަމުން، ޔުނިފޯމު ފޮއްޗާއި އެހެނިހެން ތަކެތި ގަތުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ އެ މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަށްކަން ޔަގީންކުރެވިފައިނުވެއެވެ." އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެއިތުރުން މިތަކެތި ގަތުމަށް ކޮންޓްރެކްޓް ކުރެވުނު އެއްބަސްވުމުގައި މާލިއްޔަތު ގަވައިދާ އެއްގޮތަށް ހިމަނަންޖެހޭ ބައެއް މުހިންމު މާއްދާތައްވެސް ހިމަނާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެއްބަސްވެފައިވާ މުއްދަތަށް ނުނިމިއްޖެނަމަ ޖުރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެ ގޮތް، އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް، އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތް، އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދާނަމަ އަޅާނެ ފިޔަވަޅު އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ އާއި ޕަރފޯމަންސް ގެރެންޓީ ބަހައްޓަންޖެހޭ ގޮތް، އެއްބަސްވުމުގައި ހިމަނާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މި އެއްބަސްވުމާ ގުޅިގެން އިމިގްރޭޝަނުން އެޑްވާންސަށްވާ ފައިސާ ދައްކާފައިވަނީވެސް ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދަށޫން ހަދާފއިވާ ދެވަނަ ޕޭމަންޓް އަދި އެއްބަސްވުމުގެ އަގުގެ 50% އަށްވާ 99،943 ޑޮލަރު އެޑްވާންސްކޮށް ކޮންޓްރެކްޓަރަށް ދައްކާފައިވަނީ އެޑްވާންސް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެޑްވާންސް ފައިސާ އިމިގްރޭޝަނުން ދައްކާފައިވަނީ އޯޑަރުކުރި ތަކެތި ހަމައަށް ލިބުނުކަން ޔަގީންނުކޮށް ކަމަށެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ޔުނިފޯމު ފެހުމަށް ބޭނުންވާ ފޮއްޗާއި އެހެނިހެން ތަކެތި ގަތުމަށް ހަވާލުކުރެވުނު ކޮންޓްރެކްޓަރ އާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ފޯރުކޮށްދިން ތަކެތި އިމިގްރޭޝަނަށް ލިބުމުން އެ ތަކެއްޗާ ހަވާލުވި ފަރާތުން ތަކެތި ގަތުމަށް އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، އުނިއިތުރެއް ހުރިނަމަ، އެކަން އެނގޭނޭގޮތަށް ނޯޓުކޮށް، ފެންވަރުދެރަ، ކަމުނުދާ ތަކެތި ނުވަތަ ހަލާކުވެފައިވާ ތަކެތި ހުރިނަމަ އެކަން އެނގޭނޭގޮތަށް، ލިޔެ ސޮއިކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯތްގައި ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން އޯޑަރު ކުރެވުނު ތަކެތި އެއްބަސްވުމާއި އެއްގޮތަށް އިމިގްރޭޝަނަށް ހަމައަށް ލިބުނުކަމަށް ރިކޯޑުތަކުން އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.