Last Updated: April 24, 21:44
Thursday, April 24, 2025
ޚަބަރު

ފޭދޫ ޗަސްބިންތައް ހިއްކަން ބީލަމަށް ހުޅުވާލައިފި

ފޭދޫ މަތިން ފެންނަ ގޮތ. ފޮޓޯ/ ޝާފީ

އައްޑޫ ފޭދޫ ޗަސްބިންތައް ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

މިދިޔަ މަހުގެ 1 ގައި ރަސްމީކޮށް ފެށި އެ މަސައްކަތް ކުރިން ކައުންސިލްގެ ޕަބްލިކް ވޯކްސް ޔުނިޓުން ކުރާ ގޮތަށް އޮތް ނަމަވެސް އެތަނަށް ހުރި ބައެއް ދަތިތަކާ ހެދި އަމިއްލަ ބަޔަކާ ހަވާލުކުރުމުގެ ގޮތުން އަމަލީ މަސަައްކަތް މިހާރު އޮތީ މެދުކަނޑާލައިފަ އެވެ.

ކައުންސިލުން ބުނީ ޗަސްބިންތަކަށް ބޭނުންވާ ވެލި އަމިއްލަ ތަކެތީގެ ނަގައި، ޗަސްބިންތައް ހިއްކުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 300ރ. ގެ ފީއަކާ އެކު މިއަދުން ފެށިގެން މި މަހުގެ 17 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ފޭދޫ ޗަސްބިންތައް ހިއްކުން ފެބްރުއަރީ މަހުގެ 1 ގައި އިފުތިތާހުކުރަނީ. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/ އައްޑޫ ލައިވް

ކައުންސިލުން ބުނީ މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 20،000.00ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް ކަމަށެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މި މަހުގެ 20 ގެ ހެނދުނު 11:00 ގައި ފޭދޫ އަވަށު އޮފީހުގައި އޮންނާނެ އެވެ.

ފޭދޫގެ ޗަސްބިންތަކުގެ ތެރެއިން 14 ކޮއްޓެއް ވެލި އަޅައިގެން ހިއްކާނެ ގޮތަށް ހަމަޖެހިފައިވެ އެވެ. މަސައްކަތް ފަށާތާ ތިން މަސް ދުވަހުގެ ތެރެގައި ނިންމަން ޖެހޭ މި މަސައްކަތަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ކައުންސިލުން ބުންޏެވެ.