ރާއްޖޭގައި މިޔަރު ހިފައި ބޭނުމަކީ މަނާ ކަަމަކަށް ވިޔަސް މަހަށް ނުކުމެ އުޅުނު ބަޔަކު މިޔަރުތަކެއް ބާނައި، އޭގެ އުރަހަ ނަގައި "ގެއްލުންތަކެއް" ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދައުރުވާން ފަށައިފި އެވެ.
ޓްވިޓާގައި އިއްޔެ އެ ވީޑިއޯ އާންމުކުރި މުހައްމަދު އަމާން ބުނި ގޮތުގައި ޑްރޯނަކުން ނަގާފައިވާ އެ ވީޑިއޯ އަކީ ފުވައްމުލަކުގެ ރަސްގެފަންނާ ދިމާލުން ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު ދިވެހިންތަކެއްގެ ވީޑިއޯއެކެވެ. ސާދަ ސިކުންތުގެ ވީޑިއޯގައި ފެންނަނީ މިޔަރެއް ބޭނުމަށް ފަހު، އޭގެ އުރަހަ ނަގައި ބާކީ ބައި ކަނޑަށް ވައްޓައިލާ ތަނެވެ. ޑިންގީގައި އިތުރު އުރަހަތަކެއް ވެސް ހުރި ތަން ފެނެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ޑީންގީއާ ދިމާލުން މަތިން ވީޑިއޯކުރާތީ އޭގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު ޑްރޯނާ ދިމާއަށް ދޮއްޓެއް ދިއްކުރާ ތަން ވެސް ފެނެ އެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ މިޔަރު ބޭނި މައްސަލަ ސަމާލުކަމަށް އައިސްފައިވާތީ އިތުރަށް ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
This video was shot near Fuvahmulah (rasgefannu)
These local fishermen are just casually fishing sharks. Killing them and throwing leftover to the ocean.
Video credits : https://t.co/DkeenCDdW4 (Instagram) pic.twitter.com/0WAxji9t39— މުހައްމަދު އަމާން ♤ 🇲🇻 (@MohamedAmaan_) March 12, 2022
ހިމާޔަތްކޮށް، ބޭނުން މަނާކޮށްފައިވާ ބާވަތްތައް ބޭނުމާއި އެފަދަ ދިރުންތަކަށް ގެއްލުންދޭ މަންޒަރު ފެންނަ މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމަކީ ރާއްޖޭގައި މިހާރު ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ.
ދެހާސް ދިހައަކުން ފެށިގެން ރާއާޖޭގައި މިޔަރުގެ ބާވަތްތައް ހިފައި ބޭނުންމަކީ މުޅިން މަނާކަމަކެވެ. ކަސްޓަމްސް އިން މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭން ބޭރުކުރަން އުޅުނު 429 ކިލޯ މިޔަރު އުރަހަ އަތުލައިގެންފައި ވެސް ވެ އެވެ.