Last Updated: November 17, 13:17
Sunday, November 17, 2024
ރިޕޯޓް

ފިރާގު އެކަނި މިކަމެއް ނުވާނެ

ފިރާގު އައްޑޫ ލައިވް އަށް ދިން އިންޓަވިއުއެއްގެ ތެރެއިން. ފޮޓޯ/ އައްޑޫ ލައިވް

"އައްޑޫން އަބަދު ދައްކަނީ ހުސް ވާހަކަ. އަމަލީ ގޮތުން ކަމެއް ކުރެވޭ ތަނެއް ނުފެނޭ." މިއީ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) އައްޑޫގެ ޓޫރިޒަމާ ބެހޭ ގޮތުން އެންމެ ކުރުކޮށް ބުނަން އޮތް ވާހަކަ އެވެ.

އޭނާ ފާހަގަކުރެވެނީ އައްޑޫގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ މީހެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އައްޑޫގެ އިގުތިސާދު ކުރިއެރުވޭތޯ މަސައްކަތްކުރައްވާ މީހެއްގެ ގޮތުގަ އެވެ. ފިރާގަކީ މި ވަގުތު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ޝެޑިއުލް ދަތުރު ކަމަށްވާ ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އޭޖެންޓް، އޭސް މޯލްޑިވްސްގެ ވެރިޔާ އެވެ.

ދެހާސް ސޯޅައިގައި އެއާލައިންގެ ދަތުރުތައް ގަމަށް ފެށުނީ ފިރާގާއި އޭނަގެ ޓީމުންވި ވަރަށް ބޮޑެތި "ގުރުބާނީތަކާ" އެކީގަ އެވެ. އެކަމަކުގެ ހުއްދަ ލިބުނީ ލައްކަ ދުވަހުގެ މަޝްވަރާތަކާއި މަސައްކަތުންނެވެ. އެންމެ ބޮޑު ދައްޗަކަށްވެފައި އޮތީ ގަން އެއާޕޯޓް ހަގީގީ "އިންޓަނޭޝަނަލް އެއާޕޯޓަކަށް" ހެދޭތޯ ފިރާގު ފެއްޓެވި މަސައްކަތަށް އޭރު ސަރުކާރުގެ ތެރެއިން މާ ބޮޑު އެއްބާރުލުމެއް ނުލިބި، އެ ދަތުރުތައް ފެށިދާނެކަމާ މެދު ވެސް އެތައް ސުވާލެއް އުފެދުމެވެ.

އެކަމަކު ހުއްޓާ ނުލައި ކުރެވުނު މަސައްކަތުގެ ނަތީޖާ އަކީ ޑިސެމްބަރު 1، 2016 ގައި ސްރީ ލަންކަން އިން ގަމަށް އުދުހެން ފެށުމެވެ. އޭގެ އަހަރުތަކެއް ފަހުން، ކޮވިޑާ ހެދި 2020 ކުރީކޮޅު ދަތުރައް ޖެހުނީ ހުއްޓައިލާށެވެ. އަލުން އެކަން ފެށުނީ މިދިޔަ ޑިސެމްބަރު މަހުގެ 4 ގަ އެވެ. އެކަމަކު ކުރިން ދަތުރުތައް ބޭއްވި ގޮތާ ހިލާފަށް މި ފަހަރު ބާއްވަނީ ހަފުތާއަކު އެންމެ ދަތުރެކެވެ.

ސުވާލަކީ އެ ވަރު ފުދޭ ހެއްޔެވެ؟ ފިރާގެ ނަޒަރުގައި އެވަރަކުން ނުފުދެ އެވެ. އައްޑޫން އަބަދު "ހުސް ވާހަކަ" ދައްކަނީ ކަމަށް ފިރާގަށް ގަބޫލުކުރެއްވެނީ ގަން އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް އިތުރުކުރެވެން އޮތީ އައްޑޫގެ ޓޫރިޒަމް ވެސް ހެޔޮ މިންވަރަކަށް ހިންދެމލައިގެން ކަމަށްވާތީ އެވެ. ތިން ރިސޯޓް އޮތް އިރު، އެންމެ ބޮޑު އެއް ރިސޯޓް އޮތީ ކޮވިޑާ ހެދި 2020 ގައި ބަންދުކުރި ގޮތަށް އަދިވެސް "ބަންދު" ބޯޑު އަޅުވައިފަ އެވެ. އެއީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ.

އައްޑޫގައި ގެސްޓްހައުސްތަކެއް ވެސް ހިންގަ އެވެ. އަދި ލޯކަލް ޓޫރިޒަމްގެ ތެރެއިން އިތުރު ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ހަދަން އޮތީ ބޮޑު މަޝްރޫއެއް ވެސް އިއުލާންކޮށްފަ އެވެ. އެކަމަކު އެއީ އަދިވެސް ހަމަ ކަރުދާހުގައި ލިޔެފައިވާ ޕްލޭންތަކެކެވެ. ނަތީޖާއެއް ނުނެރެވެ އެވެ. އައްޑޫގެ ފަސް ސަރަހައްދެއް ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅައި، އެތަންތަނުން 93 ބިމެއް ޓޫރިޒަމް ފެސިލިޓީތައް ހަދަން ހާއްސަކޮށްފައިވެ އެވެ. އަމާޒަކީ މި ސަރުކާރު ވުޖޫދަށް އައި ގޮތަށް އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް ޖެއްސުމެވެ. އެކަމަކު ދައުރު ނިމެން ދޮޅު އަހަރެއްހާ ދުވަސްވީ އިރު ވެސް އެއްވެސް ނަތީޖާއެއް ނެރެވިފައެެއް ނެތެވެ.

ޓޫރިޒަމް ދާއިރާ މިހާރު އޮތް ހިސާބުން ވެސް ކޮޅަށް ޖަހާކަށް މަސައްކަތް ކުރެވޭ ތަނެއް ފިރާގުގެ ބޮޑުމަންޒަރަކަށް ނާރަ އެވެ. ޓޫރިޒަމް ޕްރޮމޯޓްކުރާކަށް އައްޑޫން މަސައްކަތެއް ނުކުރެ އެވެ. ޓޫރިސްޓުންނަށް ހިދުމަތްދޭ ބޭނުންވާ މުހިއްމު ބައެއް "ކުދިކުދި" ކަންކަން ވެސް އައްޑޫން ހަމަޖެހޭ ކަމަކަށް ނުވެ އެވެ.

އެހެންވެ މިކަންކަމާ ހެދި ފިރާގު ކިތަންމެ ބޭނުންވެވަޑައިތަސް ގަމަށް ބޭރުގެ އެއާލައިންތައް އިތުރުކުރާނީ ކިހިނެއް ހެއްޔެވެ؟ ދަތުރުތައް އިތުރުކުރާނީ ކިހިނެއް ހެއްޔެވެ؟ ނޫނީ ޓޫރިސްޓުން ގެނެދެވޭ ދިމާތައް އިތުރުކުރެވޭނީ ކިހިނެއް ހެއްޔެވެ؟

"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނޭ ޓޫރިސްޓުން މިތަނަށް އަންނަން ބޭނުންވާނެ ސަބަބެއް. މައްސަލަ އަކީ ޓޫރިޒަމް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ނުކުރާތީ. މީގައި ކައުންސިލާއި ސަރުކާރުގެ އިހުމާލު ވެސް އެބައޮތް." ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ކަމާ ގުޅުން ހުރިހާ ހުރިހާ ދިމާއަކުން އެއްބާލުމާއި އެހީތެެރިލަން ނުލިބޭނެ ނަމަ ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. އައްޑުއާ އުޅެން ފިރާގަށް މިހާތަނަށް ކުރެއްވުނު ތަޖުރިބާ އަކީ ވެސް އެއީ އެވެ.

"ހަމައެކަނި ހުސް ވާހަކަތައް ދެކެވެނީ. ކަމެއް ތަންފީޒުކުރެވޭ ހިސާބަކަށް އެއްވެސް ކަމެއް އައްޑޫގައި ކުރެވޭ ތަނެއް ނުފެނޭ. އެހެންވެ ވަރަށް ކެރިގެން ބުނަން ކެރިދާނެ އައްޑޫ ޓޫރިޒަމަކަށް ތައްޔާރަށް [ވެސް] ނޫނޭ." ފިރާގު ވިދާޅުވި އެވެ. "އަޅުގަނޑު ހަމައެކަނި ފިރާގު މިކަމަކާ އުޅުނަސް މިއީކީ ވާނެ ކަމެއް ނޫން. ކަމާ ގުޅުން ހުރި ހުރިހާ އެންމެން އެކީގައި މަސައްކަތްކޮށްގެން ނޫނީ ނަތީޖާތަކެއް ނުނެރެވޭނެ. އެކަމަކު އައްޑުއާ ޖެހުނީމަ އެ ރޫހެއް ނުފެނޭ. އަޅުގަނޑުމެންނަށް ފެނޭ ރާއްޖޭގެ އެހެން ދިމަދިމާތައް ޓޫރިޒަމަށް ފައްކާވަމުން އަންނަ މަންޒަރު، ކުރިއަރަމުން އަންނަ މަންޒަރު."

ފިރާގު ވިދާޅުވީ ކަންކަން މިހެން ހުރުމާ އެކު ހަފަރާތުން އޭނަ ވަށާލާފައި އޮތީ "ފްރަސްޓްރޭޝަން" އެވެ.

"ބައެއް ފަހަރު އަޅުގަނޑު އަމިއްލަ އަށް ވެސް ހިތަށް އަރާ މިތަނާ ހެދި [އައްޑުއާ ހެދި] އައްޑޫ މީހުން ނޫޅޭ ވަރަކުން ކީއް ކުރަންހޭ އެހެން ބަޔަކު އުޅެންވީ؟" އޭނާ ވިދާޅުވި އެވެ.

ފިރާގަކީ މި ފަހުން އައްޑޫގެ އިގުތިސާދު ކުރިއެރުވުމާ ބެހޭ ގޮތުން އެންމެ ބޮޑަށް ވާހަކަ ދައްކާ އެއް ވިޔަފާވެރިޔާ އެވެ. ހާއްސަކޮށް އައްޑޫގެ ޓޫރިޒަމާއި ގަން އެއާޕޯޓާ ގުޅުން ހުރި ވާހަކަތަކުގަ އެވެ. އައްޑޫގެ އިގުތީސާދާ ގުޅުން ހުރި ފޯރަމެއް، ބައްދަލުމެއް ރަސްމިއްޔާތެއް މި ފަހުން ފިރާގާ ނުލައި ބޭއްވިފައެއް ވެސް ނޯންނާނެ އެވެ. އެހެންވެ އައްޑޫގެ ކުރިއެރުމާ ބެހޭ ގޮތުން އޭނަ އަށް ލައްކަ ވާހަކަ ދެކެވި، އެކި ފަރާތްތަކަށް މަޝްވަރާކުރެވި އެތައް ހިޔާލަކާއި ފިކުރެއް ނެރެވިފައި ހުންނާނެ އެވެ.

މި ސަބަބާ ހުރެ އައްޑުއާ ބެހޭ ގޮތުން ފިރާގު ދައްކަވާ ވާހަކަތަކަކީ ހަމަ ހަގީގަތުގައި ވެސް ލުއިކޮށް ނަގަން ޖެހޭ ކަމެއް ނޫނެވެ. އެންމެ ތިލަކޮށް ބުނާ ނަމަ ކަށިން ކިތަންމެ ވަރަކަށް ހިތްވަރު ނެރުނަސް ފިރާގަށް އެކަނި މިކަމެއް ނުވާނެ އެވެ. ބޭނުން ވަނީ ހުރިހާ ސްޓޭކްހޯލްޑަރުން އެކައްޗެއް ކިޔައި އެއް އަމާޒަކަށް މަސައްކަތް ފެށުމެވެ.

"ދެން އެ ބުނާ ޓޫރިޒަމް ޒޯންތަކުން ވެސް ނަތީޖާއަކާ ހަމައަށް ދެވިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު." މިހާރު ސީދާ ކައުންސިލުން ޓޫރިޒަމް ޒޯންތަކުގައި ބައެއް ފެސިލިޓީތައް ތަރައްގީކުރަން ނިންމާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ފިރާގު ވިދާޅުވި އެވެ. "އެކަމަކު ސުވާލަކީ އެކަމަށް އަދިވެސް ކިހާ ދުވަހެއް ނަގާނެތޯ؟"