Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު އައްޑޫ

އީއައިއޭގެ ތެރެއިން އައްޑޫ ބިން ހިއްކުން ނުހުއްޓުވޭނެ: އަސްލަމް

އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ ތެރެއިން އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތަކީ އިންޑިއާގެ އެކްޒިމް ފަންޑެޑް މަސައްކަތެއް ކަމަށާއި، މިހާރުވަނީ ސޮއި ކުރުމަށް ފައިނަލް އެޕްރޫވަލް ހުއްދައަށް އެދިފައި ކަމަށެވެ. އަދި އެ ހުއްދަ ލިބޭނެކަން ޔަގީން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އެމަސައްކަތަށް ވަކި ބަޔަކުވެސް ހޮވާ ނިމިފަވާ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކަށް މި މަޝްރޫއުގައި ދިމާވެގެން އުޅޭ މައްސަލައަކީ އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓްގައި ފާހަގަކޮށްފައި ހުރި ކަންތައްތަކާ ގުޅިގެން އީޕީއޭއިން މިމަޝްރޫއުގައި ބޮޑެތި ރިޒަވޭޝަންތަކެއް އެބަހުރި. އަޅުގަނޑު ދެކެނީ އެހެންނަމަވެސް މިހިސާބަށް އައިމަ އެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ. އެއްވެސް ރިކްލެމޭޝަން މަސައްކަތަކީ ލޯ އިމްޕެކްޓް މަސައްކަތެއް ނޫން."

މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫ ކައުންސިލާއި ރައްޔިތުންނާއި މަޝްވަރާ ކޮށް ނިމިފައި އޮތް މަސައްކަތެއް އޭއައިއޭގެ ތެރެއިން ހުއްޓުވާލެވޭނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ކުޑަކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ލާޒިމުކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މައްސަލައިގައި މިދިޔަ ހަފްތާގައި އެންވާރަމެންޓް މިނިސްޓަރު އަދި އީޕީއޭ ވެސް ބައްދަލުކުރެވިފައިވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މިކަމުގައި "ގޮތަކަށް އެއްބަސްވެވިފައި"ވާ ކަމަށެވެ. އެހެންނަމަވެސް ޑިސިޝަން ނޯޓެއް އީއައިއޭއާ ގުޅޭގޮތުން ދީފައި ނެތްކަމަށެވެ.

"އަޅުގަނޑު މިހިރީ މިމަސައްކަތް ކުރަން."