އައްޑޫ މީދޫގައި ތައުލީމީ ޖީލުތަކެއް ބިނާކޮށް، ހިދުމަތްތެރި ދަރިންތަކެއް އުފައްދަން ތައުލީމީ ދާއިރާގައި ވަަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައި އެ އަވަށުގެ ގިނަ ބައެއްގެ މުހައްމަދު މަޖީދު "މަޖީދު ސާ" މިއަދު އަވަހާރަވެއްޖެ އެވެެ.
މީދޫ ހެޕީ ވިލާ މަޖީދު އަވަހާރަވީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ. އުމުރުން 81 އަހަރުގައި އަވަހާރަވީ އާލާސްކަންފުޅާ ވެސް އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. މިއަދު ވަގުތެއްގައި މަޖީދުގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވެ އެވެ.
އޭނަ އަވަހާރަވުމާ ގުޅިގެން މަޖީދުގެ ވަރަށް ގިނަ ދަރިވަރުން މިހާރު އަންނަނީ "މަޖީދު ސާ" ގެ ހަނދާންތައް އާކޮށް، އާއިލާ އަށް ތައުޒިޔާ ވެސް ކިޔަމުންނެވެ.
މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ "އައްޑޫ ލައިވް" އަށް ވިދާޅުވި އޭނަގެ ފުރަތަމަ މުދައްރިސަކީ ވެސް "މަޖީދު ސާ" ކަމަށެވެ.
"އަހުލާގު ރަނޅު، ޒިންމާދާރު ގައުމަށް ހިދުމަތްތެރި ދަރިވަރުން ބިނާކުރެއްވުމަކީ މަޖީދުގެ ސާގެ މުޅި ހަޔާތުގައި ކުރެއްވި އެންމެ ފާހަގަކޮޮށްލެވޭ މަސައްކަތް. މީދޫގެ ތައުލީމީ ދާއިރާ ބައްޓަންކުރުމުގައި މަޖީދު ސާ ގެ ދައުރު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މަޖީދު ސާ ވަކިވެދިއުމަކީ މުޅި މީދު އަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް، ހިތާމައެއް. މަޖީދުގެ ސާގެ ހަނދާންތަކެއް، ހިދުމަތްތަކެއް ދުވަހަކު ވެސް ހަނދާނުން ފޮހެވިގެނެއް ނުދާނެ."
ސާލިހާ ވިދާޅުވި ގޮތުގައި "މަޖީދު ސާ" ގެ އެންމެ ހާއްސަ ކަމަކީ ދީނަށް ލޯބިކުރާ، ހުރިހާ ރޮނގަކުން ވެސް ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ކުރެއްވި ހިތްވަރު ގަދަ ބުރަ މަސައްކަތެވެ.
ކުރީގެ މީދޫ ސްކޫލަކީ މަޖީދުގެ ތައުލީމީ ހަޔާތުގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި އަދި އެ ސްކޫލް ހޯދި ކުރިއެރުންތަކުގެ ވަރަށް ބޮޑު ހިއްސާދާރެކެވެ. މީދޫ ސްކޫލަކީ މިހާރު ޝަމްސުއްދީން ސްކޫލެވެ.
"މަޖީދު ސާ" އަކީ އަބަދު ވެސް ދަރިވަރުންގެ ލޯތްބާއި އިހުތިރާމާއި ގަދަރު ވަރަށް ބޮޑަށް ހޯއްދެވި ޝަހުސިއްޔަތެކެވެ. އެގޮތުން މީދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ވެސް އެކި ދުވަސްވަރުގެ ދަރިވަރުން "މަޖީދު ސާ" ގެ ހިދުމަތުގެ އަގުވަޒަން ކުރަން އެކި ކަހަލަ ހަރަކާތްތައް ހިންގާފައިވެ އެވެ.
ވަރަށް ފަހުން މަޖީދު ސާ އަށް ޝުކުރު ދެނެންވުމަށް ހާއްސަ ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ. އެ ހަފުލާގައި ދަރިވަރުން ޅެން ބަހުންނާއި ލިޔުމުން "މަޖީދު ސާ" އަށް ޝުކުރުގެ ބަސްތައް އޮއްސާފައިވެ އެވެ.