Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު ހައި ކޯޓު

ޕެސްޓް ދޫކޮށްލި އަމުރު ބާތިލުކޮށް، އަނބުރާ ޖަލަށް

ރާއްޖޭގެ މައްޝޫރު "ރެޕް ކިންގް" އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)--

މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ރާއްޖޭގެ މައްޝޫރު "ރެޕް ކިންގް" އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާއަށް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

ޝަރުތުތަކެއް ކުރުމަށްފަހު ބޭސްފަރުވާއަށް ޕެސްޓް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ.

އެމައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މިމައްސަލައިގައި ދައުވާ އުފުލާފައިވާ އިފްހާމް އާއި މުހައްމަދު ސުއަައިދު ބަންދުން ދޫކުރުމަށް ނެރުނު ކޯޓު އަމުރުގައި އެ ނިންމުން ބިނާކުރި "ސަބަބު" ގެ ގޮތުގައި ބަޔާންކޮށްފައިވާ ސަބަބު އެއީ ކްރިމިނަލް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމި ނިންމުމަށް ވާސިލުވުމުގައި ބިނާކުރި އަސާސްގެ ޙަޤީޤަތްތައް ދެނެގަނެވެން ނެތް ސާފުކޮށް އޮތް ސަބަބެއް ކަމުގައި ނުވާތީ، މިއީ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ލިޔެ ބަޔާން ކުރުމެއްނެތި ނެރެފައިވާ އަމުރުތަކެއްކަން އެނގެން އޮންނަކަމަށެވެ.

އެހެންކަމުން އިފްހާމް އާއި ސުވައިދު ބަންދުން ދޫކުރުމަށް ނެރެފައިވާ ކޯޓު އަމުރުތަކަކީ އެ އަމުރުތަކުގައި ފުރިހަމަވާންޖެހޭ ޝަޚްލިއްޔާތު ފުރިހަމަ ނުވެ އޮތް އަމުރުތަކެއް ކަމުގައިވާތީ އެ އަމުރުތައް ބާތިލުކުރާ ކަމަށެވެ. އިފްހާމް އަދި ސުވައިދު ޝަރުތުތަކަކާއެކު ބަންދުން ދޫކުރުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރިއިރު، އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން 24 ޖޫން 2021 ގައި ނެރުނު އަމުރު ބާތިލުނުވެ ދެމި އޮތް ކަމަށްވެސް ހައިކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ޕެސްޓް ބަންދުކޮށްފައި ހުރިއިރު މީގެކުރިން ވަނީ ދޫނިދޫގައި ބަންދުކޮށްފައި ހުރިއިރު ބޭސްފަރުވާގެ ކަންކަން ގޯސްވެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފައެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕެސްޓްގެ ފަރާތުން މީގެ ކުރިންވެސް ޝަރީއަތުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ޕެސްޓްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ދެކޮޅު ހަދާއިރު، އޭނާގެ ވަކީލުން ބުނެފައިވަނީ އެ މައްސަލައިގައި ޕެސްޓްއާ ގުޅުވައިދޭ ރަނގަޅު ހެކިވެސް ނެތްކަމަށެވެ.