ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ގައުމީ ޕާޓީގެ ކުރީގެ ނައިބް ރައީސް އިމާދު ސޯލިހް ކުރިއަށް އޮތް ރައްޔިތުްނގެ މަޖިލީހުގެ ސ. ފޭދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައިފި އެވެ.
އޭނާ މިހާރު ވަނީ ކެމްޕޭން ވެސް ފަށްޓަވައި، ރަށުގެ ތެރޭގައި އޭނާގެ ޕޯސްޓަރުތައް ވެސް ޖަހަން ފަށައިފަ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނައިވައިގެން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގި ކަމަށް ބުނެ އިމާދުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލާފައެވެ.
އިމާދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައިގެން އައްޑޫގެ ސްކޫލްތަކަށް ގިނަ އެހީތައް ހޯދައިދީފައެވެ. އެގޮތުން އައްޑޫ ހައިސްކޫލާއި، ހިތަދޫ ސްކޫލްގެ އިތުރުން މަރަދޫ ސްކޫލަށް ވަނީ ކްލާސްރޫމްތައް އިތުރުކޮށްދީ ސްކޫލްގެ ވަސީލަތްތައް އިތުރުކޮށްދީފައެވެ.
އިމާދުވަނީ 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ފޭދޫ ދާއިރާ އަށް ކުރިމަތިލައްވައި ނާކާމިޔާބުވެފައެވެ. ނަމަވެސް ފޭދޫން ވާދަކުރި ބޭފުޅުންގެ ތެރެއިން 2 ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިމާދުއެވެ.
އިމާދު ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގަތުމަށް ފަހު ދާދި ފަހުން، އެ ޕާޓީގެ ނައިބް ލީޑަރު ކަމަށް ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ފަހުން ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
އިމާދު ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ފޭދޫ ދާއިރާއަށް ކުރިމަތިލެއްވީ މަޖްލިސްގެ ތެރެއިން ފޭދޫއަށް ހިދްމަތް ކޮށްދިނުމަށްކަމަށެވެ. އަދި އެގޮތުން ރައްޔިތުންގެ މިނިވަން މަންދޫބެއްގެ ގޮތުގައި ގޮސް ފޭދޫ އާއި އައްޑޫއަށް ބޮޑު ބޮޑު ކުރިއެރުން ހޯދައިދެވޭނެކަމަށެވެ.
އިމާދުވަނީ ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދިނުމުގެ ދާއިރާގައި އުޅެ މިހާރުވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައެވެ.