ކޮވިޑް-19 ގެ ސާމްޕަލް އައްޑޫން ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗުން) ވަނީ ރިލީޒް ސާމްޕަލާއި ކޮންޓެކްޓް ސާމްޕަލްގެ އިތުރުން ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމަށް ހަތަރު ދިމާއެއް ކަނޑައަޅައިފަ އެވެ.
އެގޮތުން ހިތަދޫ ފްލޫ ކްލިނިކުން ހަފުތާގެ ހުރިހާ ދުވަހެއްގައި ސާމްޕަލް ނަގާނީ ހަވީރު 4:00-5:00 އަށެވެ. މަރަދު އާއި މަރަދޫފޭދޫ ރައްޔިތުންގެ ސާމްޕަލް މަަރަދޫ ހެލްތު ސެންޓަރުން ނަގާނީ ހަވީރު 4:00-5:00 އަށެވެ. ފޭދޫ ސިއްހީ މަރުކަޒުން ސާމްޕަލް ނަގާނީ ހަވީރު 4:00-5:00 އަށެވެ. އަދި ހުޅުމީދޫގައި ސާމްޕަލް ނަގާނީ ހެލްތު ސެންޓަރުން ހެނދުނު 9:30-10:30 އަށެވެ.
އައްޑޫގައި ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނަޔަސް، އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިދިޔަ މަހުގެ 26 އިން ފެށިގެން ކޮވިޑާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރުން ހުއްޓާލާފައިވާތީ ބަލީގެ ހާލަތު މި ވަގުތު އައްޑޫގައި އޮތް މިންވަރެއް ސާފެއް ނުވެ އެވެ.
ކޮވިޑާ ވިދިގެން ރާއްޖޭގައި އިއުލާންކޮށްފައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް މިދިޔަ އާދީއްތަ ދުވަހު އުވާލައި ބޮޑެތި ލުއިތަކެއް ދީފައިވެ އެވެ.