އައްޑޫގެ ތަރައްގީ އަށް ހުރަސް އަޅާނީ ހަތުރުން ކަމަށާއި އެފަދަ ބަޔަކަށް މާފެއް ވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތަރައްގީ އަށް އެކި ފަރާތްތަކުން ހުރަސްއަޅާ ކަމަށް ވިދާޅުވެ ދޭތެރެ ދޭތެރެ އިން ޓްވީޓްކުރައްވާ މެމްބަރުގެ ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހުރަސްއަޅާ އެންމެންނަކީ އައްޑޫގެ ހަތުރުން ކަމަށެވެ.
"އެފަދަ އެކަކަށް ވެސް މާފެއް ނުކުރެވޭނެ. އަބަދަކު ބާކީވެފައި ތިބޭކަށް ބޭނުމެއް ނޫން،" ނިހާދު ވިދާޅުވި އެވެ. "އެންޖީއޯއެއް ވިޔަސް ރައްޔިތުންގެ ވިންދާ ކުޅެން އުޅުމަކީ ދެރަ ކަމެއް."
އޭނާ މިފަދަ މޭރުމުން ޓްވީޓްކުރެއްވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅުވައިގެންނެވެ. އެ މަޝްރޫއުގެ ސަބަބުން އައްޑޫގެ ގުދުރަތީ ވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ޓްރާންސް ޕޭރަންސީ މޯލްޑިވްސް ހިމެނޭ ގޮތަށް ހަ ޖަމިއްޔާއަކުން މިދިޔަ މަހު، ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލާފައިވެ އެވެ.
#AdduCity ge tharaggee ah huras elhumah seedhaa gothunnaai nuseedgaa gothun masakkaih kuraa enmennakee Addu Rayyithun ge hathurun! Efadha ekakah ves ma aafeh nukureveyne! Abadhaku Baakee vefai thibeykah beynumeh noon! NGO eh viyas Rayyithun vindhaai kulhen ulhumakee dhera kameh!
— Feydhoo Meehaa (Mohamed Nihad) (@nihad_m) March 16, 2022
ނަމަވެސް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެފައި ވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއީ އައްޑޫ ރައްޔިތުން ވެސް ބޭނުންވާ ކަމެއް ކަމަށާއި އެކަން ކުރާނީ އީއައިއޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ގެއްލުން ވީހާ ވެސް ކުޑަކޮށް ކަމަށް ދެ މިނިސްޓަރުން ވެސް ވިދާޅުވެފައިވެ އެވެ.
އައްޑޫ ބިން ހިއްކުމަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:
* ޖުމްލަ 236.5 ހެކްޓަރު ހިއްކުން.
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް ހިއްކުން
* ބިން ހިއްކުމަށް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ހަރަދުވާނެ
* ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިއުލާންކުރީ ފެބްރުއަރީ 21، 2021 ގައި
އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ކުރިއަށް އޮތް 50 އަހަރަށް ހައްލުވާނެ އެވެ.