އައްޑޫގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ބެހޭ ބައެއް ތަފުސީލުތައް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
ރާއްޖެ ތެލަށް ބަރޯސާވާ މިންވަރު ވެސް ދަށްކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ "އެރައިޒް" ޕްރޮޖެކްޓްގެ ދަށުން އައްޑޫގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާނެ އެވެ.
އެގޮތުން އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މީޑިއަމް ވޮލްޓޭޖް ނެޓްވޯކް އަޕްރޭޑްކުރުމާއި ފަސް ސަބްސްޓޭޝަނެއް އަޕްގްރޭޑްކޮށް، އޮޓޮމޭޓްކުރުމާއި ސޯލާ ނިޒާމު ގްރިޑް ގުޅުމަށް ބޭނުންވާ ކަރަންޓް ކޭބަލް އަދި އަދި ފައިބަ އޮޕްޓިކް ކޮމިއުނިކޭޝަން ނެޓްވޯކް އެޅުމުގެ އިތުރަށް މަރުކަޒީ އިންޖީނުގޭގެ ޖަނެރޭޝަން ޕެނަލްބޯޑްތައް ބަދަލުކުރުން ހިމެނެ އެވެ.
ހުޅުދު އާއި މީދޫގެ މަސައްކަތްތަކުގެ ތެރޭގައި މީޑިއަމް ވޮލްޓޭޖް ނެޓްވޯކް އަޕްރޭޑްކުރުމާއި ރަށުގެ ތިން ސަރަހައްދެއްގައި އަލަށް ސަބްސްޓޭޝަން ބަހައްޓައި އޮޓޮމޭޓްކުރުމާއި މިހާރު މިހާރު ހުރި ހަ ސަބްސްޓޭޝަނެއްގެ ޓްރާންފޯމަރު ބަދަލުކުރުމާއި ސޯލާ ނިޒާމު ގްރިޑް ގުޅުމަށް ބޭނުންވާ ކަރަންޓް ކޭބަލް އެޅުމުގެ އިތުރަށް އިންޖީނުގޭގައި ސްޓެޕްއަޕް ޓްރާންސްފޯމަރެއް ބެހެއްޓުން ހިމެނެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ފެނަކަ އިން އައްޑު އަށް ކަރަންޓްގެ ހިދުމަތްދޭ އިރު، ހުޅުދު އާއި މީދޫގައި ދެ މެގަވޮޓް ޕީކްގެ ސޯލާ ޕީވީ ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ވެސް ހަރުކުރަން ނިންމާފައިވާކަމެވެ. ފެނަކައިން ބުނެފައި ވަނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހުޅުމީދޫގައި ގާއިމުކުރެވޭ ނިޒާމުން އެ އަވަށާ ކައިރީގައި ހުރި ރިސޯޓްތަކަށް ވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށް ދިނުން ކަމަށެވެ.
ވެރިރަށް މާލޭން ބޭރުން ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިޔާދަކުރަނިވި މަޝްރޫއުގެ ތެރެއިން ފެނަކަ އާއި ފިއުޗަ ސިނަޖީޒް ލިމިޓެޑުން މިދިޔަ ޖެނުއަރީގައި ސޮއިކުރި ޕަވަ ޕާޗޭސް އެގްރީމެންޓް (ޕީޕީއޭ) ގެ ދަށުން ގަން އެއާޕޯޓަށް ބޭނުންވާ ކަރަންޓްގެ 100 ޕަސެންޓް އެ ތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ޕީކްގެ ސޯލާ ނިޒާމުން އުފައްދާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. މިއާ އެކު ގަން އިންޓަނޭޝަނަލް އެއާޕޯޓްވެގެން ދާނީ ރާއްޖޭގައި މުޅިން ސޯލާ ހަކަތަ ބޭނުންކުރާ ފުރަތަމަ އެއާޕޯޓަށެވެ.
އައްޑޫގައި ފެނަކަ އިން ހިންގާ މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރުގެ ޑީސަލް އެންދުން މަދުކުރެވޭނެ އެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑަ އޮކްސައިޑް ވެސް މަދުކުރެވޭނެ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއީ 2030 އާ ހަމައަށް އަންނަ އިރު "ނެޓް-ޒީރޯ" އެމިޝަނަށް ވާސިލުވާން ރާއްޖޭން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ.