އައްޑޫ މީދޫ ބަނދަރުގެ ތެރެއަށް ވެޅި އެޅި ބަނަދަރުގެ ބައެއް ދިމާތައް ތިލަވެފައިވާތީ ފުންކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީދޫ އަވަށު އޮފީހުން ބުނެފި އެވެ.
އެތަނުން މިއަދު ނެރުނު ނޯޓިހެއްގައި ބުނި އެ މަސައްކަތް އެމްޓީސީސީން ފަށާނީ އަންގާރު ދުވަހު ކަމަށެވެ. އެހެންވެ ބަނދަރުގައި އުޅަނދުފަހަރު އަޅާފައިވާ ފަރާތްތަކުންނާއި ބަނދަރުން ފުރައި ލަފާ އުޅަނދުތަކުން ވެސް އެކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.
އަވަށު އޮފީހުން ބުނި ގޮތުގައި ބަނދަރުތެއަށް ވެލި އެޅި ތިލަވެފައި ހުރި ދިމާތައް ފުންކުރަނީ އެކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ސާވޭ ވެސް ހެދުމަށް ފަހު އެވެ.
މީދޫގެ ކުރީގެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެ، ބޭނުން ކުރަން ދަތިވުމާ ގުޅިގެން ބަނދަރު އަލުން ތަރައްގީކުރުމުގެ މަސައްކަތް ނިންމައިލީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ.
އެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމުތޮށި ލުމާއި، އެއްގަމުތޮށި ވަށައިގެން 3،125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިން ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވެ އެވެ.
މީދޫ ބަނދަރަށް 36.5 މިލިއަން ރުފިޔާ ހޭދަވި އެވެ.