Last Updated: April 24, 18:05
Thursday, April 24, 2025
ޚަބަރު

ސަރަހައްދީ ހަތަރު ހެޗަރީއެއް ހަދަނީ

ރާއްޖޭގައި ސަރަހައްދީ ހަތަރު ހެޗަރީއެއް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނެފި އެވެ.

އެތަނުގެ ޑިރެކްޓަރު ޖެނެރަލް ޝާފިއާ ނައީމު ޕީއެސްއެމަށް ވިދާޅުވީ ސަރަހައްދީ ހަތަރު ހެޗަރީއެއް ހެދުމުގެ ބޭނުމަކީ، ބާޒާރަށް ފާނަ ފަދަ މަހުގެ ބާވަތްތައް ބޭނުންވާ ވަރަށް އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެ ގޮތަކަށް ވިސްނައިގެން މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

"މީގެ އެއް ބޭނުމަކީ މިއީ ފާނަ އަށް އަމާޒުކޮށްގެން ކުރާ މަސައްކަތެއް، ރާއްޖޭގެ ފާނައިގެ މެރިކަލްޗަ ޕްރޮޑަކްޓުގެ މާކެޓަށް ބޭނުންވާ ވަރަށް އަބަދު ވެސް ޕްރޮޑަކްޓް ލިބެން ހުންނާނެ ގޮތަކަށް މަސައްކަތްތަށް ކުރިއަށް ގެންދިޔުން." އޭނާ ވިދާޅުވި އެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓުން މި ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު، ކ. މަނިޔަފުށީގައި މެރިކަލްޗަ ތަމްރީންނެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޝާފިއާ ވިދާޅުވީ މެރިކަލްޗަރގެ ދާއިރާއިން އެކްރެޑިޓުކޮށްފައިވާ ކޯސްތައް ވެސް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި އަހަރު މެދުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކްރެޑިޓުކޮށްފައިވާ މެރިކަލްޗަ ކޯހެއް ފެށިގެން ދާނެ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމަށް އައު ބާވަތްތައް އިތުރުކޮށް، ޑައިވަސިފައިކުރުމަށް މި ސަރުކާރުން އަންނަނޫ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.ރާއްޖޭގައި މިހާރު މެރިކަލްޗަ ސިނާއަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ވޯލްޑް ބޭންކުގެ ސަސްޓެއިނަބަލް ފިޝަރީޒް ޑިވެލޮޕްމަންޓު ޕްރޮޖެކްޓްގެ ދަށުންނެވެ.