ކުނި އަންދައިގެން ހަކަތަ އުފައްދާ ޕްލާންޓެއް އައްޑޫގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އެ މިނިސްޓްރީން ކުރިއަށްގެންދާ އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ "ވޭސްޓް ޓު އެނާޖީ ޕްލާންޓް" އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ޕްލާންޓް ޑިޒައިންކޮށް އުފައްދާފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށާއި މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ކަމަށް ޕްލާންޓެއް ކަމަށް އަލީ ވިދާޅުވި އެވެ. މީގެއިން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Installation of Waste to Energy plant at Addu Regional Waste Management Facilty commenced pic.twitter.com/3ljrbc379E
— Min. of Environment, Climate Change and Technology (@MoEnvmv) March 21, 2022
އަލީ ވިދާޅުވީ މީގެއިން އުފައްދާ ކަރަންޓުގެ އެއް މެގަވޮޓް އައްޑޫގެ ސެންޓްރަލް ގްރިޑާއި ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 500 ކިލޯވޮޓް ބޭނުން ކުރާނީ މި ފެސިލިޓީ ހިންގަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއީ ގްރީން ޓެކްސް ފަންޑުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި މި މަޝްރޫއު އަށް ވަނީ 16 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.