ސ. ފޭދޫ ހުކުރު މިސްކިތް "މަސްޖިދުލް އަމާން" ގެ ސައުންޑް ސިސްޓަމްގައި މައްސަލަތަކެއް އުޅޭތީ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ހާއްސަކޮށް ހުކުރަށްދާ މީހުން މި މައްސަލަ ޖައްސާލެއް ބޮޑެވެ. ވާގޮތަކީ ބޮލަށް އުނދަގޫވާ ކަހަލަ އަޑުތައް އެރުމެވެ.
ސައުންޑް ސިސްޓަމަށް ޖެހިގެން އުޅެނީ ސީދާ ކޮން މައްސަލައެއްކަން ނޭނގުނު ނަމަވެސް، ހުކުރު ދުވަހު، މި ސައުންޑް ސިސްޓަމްގެ އަޑަށް ދިމާވާ މައްސަލަތަކާ ހެދި ހުކުރަށް ދާ މީހުންގެ ޝަކުވާތައް ގިނަ އެވެ.
އެގޮތުން އިމާމު ހުކުރު ހުތުބާ ކިޔަން ފެށުމާ އެެކު، ބޮލަށް އުނދަގޫވާ ކަހަލަ ބާރު އަޑުތަކެއް މުޅި މިސްކިތުގެ ތެރެއަށް ފެތުރެ އެވެ. ދޭތެރެ ދޭތެރެ އިން ބަންގި ގޮވާ މީހާ، ތެދުވެގެން ގޮސް ސިސްޓަމާ ކުޅެން ޖެހެ އެވެ.
"އަސްލު ވެސް މިއީ މިހާރު ވަރަށް އުނދަގޫވާ މައްސަލައެެއް. ސައުންޑް ސިސްޓަމަށް ދިމާވާ މި މައްސަލަ އާ ހެދި ހުތުބާ ވެސް ރަނގަޅަކަށް އަޑެއް ނީވޭ،" އާންމުކޮށް ފޭދޫ ހުކުރު މިސްކިތަށް ހުކުރަށްދާ މީހަކު ބުންޏެވެ. "މިކަން އެބަ ޖެހޭ ރަނގަޅު ކުރަން. އަހަންނަށް ހީވަނީ ސިސްޓަމް ބާވެގެންހެން ތަކުރާރުކޮށް މި މައްސަލަ ދިމާވަނީ."
ފޭދޫން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ފޭދޫ މިސްކިތަށް ހުކުރަށް ދިޔަސް، ރަނގަޅަަށް ހުތުބާ ނީވީ، ބޮލަށް އުނދަގޫވާ ޒާތުގެ އަޑުތައް އަރާތީ މިހާރު އާންމުކޮށް އޭނާ ހުކުރަށް ދަނީ ގަމު މިސްކިތަށް ކަމަށެވެ.
"މި މައްސަލަ އާ ހެދި ގަމަށް އަހަރެން ހުކުރަށްދާތާ މިހާރު ދުވަސްތަކެއްވެއްޖެ. ގެ ކައިރީ ހުރި މިސްކިތަށް ނުގޮސް ގަމަށް ދާން ޖެހުނީމަ ފަސޭހައެެއް ނޫން އެއްގޮތަށް ވެސް. ސައުންޑް ރަނގަޅު ކުރާކަށް ވެސް ފޭދޫ އަވަށު އޮފީހުން މަސައްކަތް ނުކުރަނީބާއޭ އަޅުގަނޑު ހިތަށް އަރަނީ،" ހުކުރު މިސްކިތް ކައިރީގައި ހުންނަ ގެއެއްގައި އުޅޭ މީހަކު ބުންޏެވެ. "މިކަން ދެން ވެއްޖެ ނޫންތޯ ރަނގަޅު ކުރަން. ގައިމު އޮފީހުގައި ތިބޭ މީހުން ވެސް ހުކުރަށް ދަނީ މި މިސްކިތަށް ވިއްޔާ. އެ މީހުންނަށް ވެސް މިކަމުން ހަމަ އުނދަގޫވާނެތާ."