ކޮފީއާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް ގިނަ އެވެ. މިފަދަ ގިނަ ދިރާސާކުން ދައްކާ ގޮތުގައި ކޮފީ އަކީ އޭގެ ޒާތުގައި ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން މި ފަހަރު އަނެއްކާ ވެސް ކޮފީއާ ބެހޭ ގޮތުން ހެދި އާ ދިރާސާއެއްގެ ރިޕޯޓް މިހާރު މި ވަނީ އާންމުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ދިރާސާ ރިޕޯޓެއްގައި ބުނާ ގޮތުން ކޮފީ އަކީ ހިތަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ދުވާލަކު ދެތިން ތަށި ކޮފީ ބޯ ނަމަ އެކަމަކީ ހިތާ ގުޅުން ހުރި އެކި މައްސަލަތައް 10-15 ޕަސެންޓަށް ދަށްކޮށްދޭ ކަމެކެވެ. އެގޮތުން އާދަކޮށް ދުވާލެއްގެ މައްޗަށް ދެތިން ތަށި ކޮފީ ބޯ ނަމަ ހިތް ހުއްޓުމާއި ހިތުގެ ވިންދަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.
މީގެ އިތުރުން އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮފީން ލިއްބައިދޭ ސިއްހީ ގިނަ ފައިދާތަކާ އެކީ، އެއީ މީހާގެ އުމުރު ވެސް ދިގުކޮށް ދިނުމަށް އެހީވެދޭ އެއްޗެކެވެ.
ދިރާސާ ހެދި ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި އޮސްޓްރޭލިއާގެ ބޭކާ ހާޓް އެންޑް ޑައިބެޓީޒް އިންސްޓިޓިއުޓާއި އަލްފްރެޑް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑރ. ޕީޓާ އެމް ކިޒްޓާ ވިދާޅުވި ގޮތުގައި އާންމު ވިސްނުންތަކާ ހިލާފަށް ކޮފީ އަކީ ހިތަށް ވަރަށް ވެސް ރަނގަޅު ބުއިމެއް ކަމަށެވެ.
"ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން ކޮފީގެ ސަބަބުން ހިތުގެ ވިންދު އަވަސްވާ ގޮތްވުމަކީ ކޮފީގެ ސަބަބުން އޮތް ނުރައްކަލެއް ނުވަތަ ބައެއް ކަހަލަ ހިތުގެ ބަލިތައް ކޮފީގެ ސަބަބުން އިތުރަށް ގޯސްވާ ކަމަށް މީހުން ދެކޭ. އެކަމަކު އެ ވިސްނުން ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ދިރާސާ އިން ދައްކަނީ ކޮފީގެ ނިއުޓްރަލް އިފެކްޓް. އެއީ ހިތަށް އެއްވެސް ވަރެއްގެ ގެއްލުމެއް ހުރި އެއްޗެއް ނޫންކަން. އެހެންވީމަ ކޮފީ ބޯން ޖެހިލުންވާކަށް ނުޖެހޭ."