ރައީސް އިބްރާހީމް މުހައްމަަދު ސޯލިހު އައްޑު އަށް ކުރައްވާ ދަތުރު މިއަދު ހަވީރު ފައްޓަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ މަނިކިފާނާއި ވަފުދަށް ގަން އެއާޕޯޓުން މަރުހަބާކިޔަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ރައީސްގެ މި ދަތުރުފުޅަކީ 2019 ގެ ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ރައީސްގެ އައްޑޫ ދަތުރުގެ ތެރޭގައި ތަރައްގީއާ ގުޅުން ހުރި އެކިއެކި މަޝްރޫއުތައް ފައްޓަވައި ދެއްވައި ނިމިފައި ހުރި ބައެއް މަޝްރޫއުތައް ހުޅުއްވައި ދެއްވާނެ އެވެ. އެގޮތުން ޕޮލިސް އެކެޑެމީ އާއި މަރަދު އާއި މަރަދޫފޭދޫ ބަނދަރާއި ހުޅުމީދޫގެ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިތުރުން ހިތަދޫގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް ހުުޅުއްވައި ދެއްވާނެ އެވެ.
މީގެ އިތުރުން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އައްޑޫގެ މަގުތައް ހެދުން ވެސް ރައީސް އިފުތިތާހުކޮށް ދެއްވާނެ އެވެ.
ރައީސް މިއަދު ހަވީރު އައްޑު އަށް ވަޑައިގެން މިރޭ ކައުންސިލް އިދާރާ އަށް ޒިޔާރަތްކުރައްވައި ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ބައްދަލުކުރައްވާނެ އެވެ. ދަތުރުގެ ބޮޑެތި ކަންކަން ކުރިއަށް ދާނީ މާދަމާ އާއި ހޯމަ ދުވަހު އެވެ.
ރައީސް މި ވަގުތު ހުންނެވީ ފުވައްމުލަކުގަ އެވެ.