ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ސ. ފޭދޫން ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާނެ މީހަކު ހޮވަން ބާއްވާ ޕްރައިމެރީ މިއަދު އޮންނާނެ އެވެ.
ކުރިން މި ދާއިރާގެ ޕްރައިމެރީ ވެސް ބާއްވަން ނިންމީ އިއްޔެ އެވެ.
އެހެން ނަމަވެސް ޕްރައިމެރީގައި އެންމެ ގަދައަށް ކެމްޕޭން ކުރަމުން ދިޔަ އަހުމަދު މަރުޒޫގް (މަރާ) އަކީ އެމްޑީޕީ މެމްބަރެއް ކަމަށް ބުނެ މިދިޔ ބުރާސްފަތި ދުވަހު އޭނާ އަށް ޕްރައިމެރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުންޏެވެ.
އެެކަމަކު މަރާ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ޕީޕީއެމްގެ މެމްބަރުންގެ ފާޑު ކިއުންތަކާ ގުޅިގެން، އޭނާ އަށް ވާދަ ކުރެވޭނެ ކަމަށް ހުކުރު ދުވަހު ވަނީ އަންގައިފަ އެވެ.
އެހެންވެ މަރާ އަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މިއަދަށް ޕްރައިމެރީ ފަސް ކުރީ އެވެ. ޕްރައިމެރީ އޮންނާނީ ހަވީރު އެވެ.
މަރާ އާ ވާދަ ކުރާނީ އިބްރާހީމްދީދީ (އައިބީ) އާއި ހައްވާ ޒާހިރާ އެވެ.
ފޭދޫ ދާއިރާގެ ޕްރައިމެރީ މިއަދަށް ފަސް ކުރި ނަމަވެސް އައްޑޫގެ އިތުރު ތިން ދާއިރާއެއްގެ ޕްރައިމެރީ އިއްޔެ ވަނި ބާއްވައިފަ އެވެ.