ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ ކަމުގެ ހުވާ ނޮވެމްބަރ 17 2013 ވަނަ ދުވަހު ކުރެއްވުމަށްފަހު އާ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަނީ އެމަނިކުފާންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން އިއްލާން ކުރައްވާފައެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއޮތް އައްޑޫއަށް މި 100 ދުވަހުގެ ތެރޭގައި ކުރެވުނު ކަންކަމާއި މެދު ބަލާލަމާ ހިނގާށެވެ.
މިއަދަކީ ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވިތާ 84 ވަނަ ދުވަހެވެ. މި މުއްދަތުގެ ތެރޭގައި 1 ފަހަރު އައްޑޫއަށް އެމަނިކުފާން ވަނީ ޒިޔާރަތްކުރައްވާފައެވެ. ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕެއިންގެ އެންމެ ފަހު ވަގުތުކޮޅާއި ދިމާކޮށް ރައީސް ޔާމީން އައްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު އަޑު އިވި ރައްޔިތުން މިތިބީ އުއްމީދު ގެއްލި މާޔޫސްވެފައެވެ.
އައްޑޫ އާއި ދެކުނުގެ ތަރައްޤީ ގުޅިފައިވާ ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއާއި ބެހޭ ގޮތުން ވިދާޅުވީ އެކަމަކަމަކަށް ސަރުކާރުން ކޮށްދެވޭނެ ކަމެއް ނެތްވާހަކައެވެ. ވަރަށް ނާއުއްމީދީ ގޮތަކަށް މި ވާހަކަ ވިދާޅުވެފައިވާ އިރު ގަމުގެ ވައިގެ ބަނދަރު ތަރައްޤީގެ މަޝްރޫއު ކުރިއަށްދަނީ ވަރަށް ލަސްކޮށެވެ. ދޭތެރެ ދޭތެރެއިން ސަރުކާރުން ލިބެން ޖެހޭ އެހީ ނުލިބި ހުއްޓެމުންނެވެ.
ސަރުކާރުގެ އެކި ވުޒާރާތަކަށް ހާސިލް ކުރަން ލަނޑުދަނޑިތައް ދިން އިރު މިހާތަނަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ އައްޑޫގެ 5 ތަނެއްގައި 10 ކެމެރާ ހަރުކޮށް "ބުލޫސް ފޯ ޔޫތު"ގެ ނަމުގައި ޒުވާނުންނަށް ހަރަކާތެއް ބާއްވާފައެވެ.
ހިތަދޫ ހޮސްޕިޓަލުން ވަނީ ހެލްތު މިނިސްޓްރީގެ ލަނޑުދަނޑި ތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ކިއުގައި މަޑުނުކޮށް ހިދްމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި ހޮސްޕިޓަލަށް މަދު ބައެއް ޑޮކްޓަރުން ހޮސްޕިޓަލަށް ގެނައި ކަމުގައިވިޔަސް ކޮންމެހެން ބޭނުންވާ ބައެއް ސާމާން އަދިވެސް ހޮސްޕިޓަލުން ލިބެންނެތެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް މި 100 ދުވަސް ނިމިގެން ދާއިރު އަދިވެސް ވަނީ ނުފެށިއެވެ. އެކަމާއި ގުޅޭ ގޮތުން އަދި ދައްކަނީ ހުސް ވާހަކައެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ވެރިކަމަށް ވަޑައިގެންނެވިތާ ހަފްތާއެއްގެ ތެރޭ ފޮނުއްވި ޖަނަރޭޓަރ އަދިވެސް ވަނީ އިންސްޓޯލް ނުކުރެވިއެވެ. އެހެންވެ އަދިވެސް ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވެއެވެ.
ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފައްދަވާނެ ކަމަށާއި ދެކުނުގެ ތަރައްޤީގެ މައިމަރުކަޒަކަށް އައްޑޫ ހައްދަވާނެކަމަށް ކަމަށް ވި ވައުދާއި ގުޅިގެން ފުރަތަމަ 100 ދުވަހު ކުރެވުނު ކަމެއް އަދި ފެންނާކަމަށް ނެތެވެ. ނަމަވެސް ޗެލެންޖްކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ހިތަދޫގެ ހަދަން ފަށާފައިވާ މަގުތައް ހެދުން ހުއްޓިފައި އޮތް ނަމަވެސް ފުރަތަމަ 100 ދުވަސް ނިމިގެންދާއިރު އަދި އެމަސައްކަތްވަނީ ނުފެށިއެވެ. ރައީސް ޔާމީން ވެރިކަަމަށް ވަޑައިގެންނެވި އިރުވެސް ހަދަން ފަށާފައިވާ ހިތަދޫ މެދެއާރި މަގުގެ މަސައްކަތް އަދިވެސް އޮތީ ކުރިއަށް ނުގޮސްއެވެ. އެކަމަށް ބޭނުންވާ ފައިސާ ލިބިފައިވާ ކަމަށް ރޯޑް ކޯޕަރޭޝަނުން ބުނި ނަމަވެސް މަސައްކަތް ފެށިފައި ނުވެއެވެ.
ޑިފެންސް މިނިސްޓްރީގެ ލަނޑުދަނޑީގެ ތެރެއިން ޒުވާނުންނަށް ހާއްސަ "އަވީކެންޑް ވިތް އެމްއެންޑީއެފް" ގެނަމުގައި ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އައްޑޫގެ އިގްތިސާދާއި ގުޅޭ، ހިތަދޫ ސަރަހައްދީ ބަނދަރުގެ އެއްވެސް އަޑެއް 100 ދުވަސް ނިމިގެންދާއިރު ނީވެއެވެ. އެކަމަކު އީސީސީ ބިޑަށް ހުޅުވާލި ފުރުސަތުގައި އެތަން ހިންގުމަށް 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އިސްމެހެލާ ހެރައަށް "ބޮޑު" ދެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކުރިކަމަށްވެސް ވަނީ ބުނެފައެވެ.
މި ސަރުކާރު އައިފަހުން ހުޅުމީދޫ އާއި ފޭދޫގެ ކަނޑު ދަތުރުފަތުރު ހުއްޓި އެކަމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޮޑެތި އުނދަގުލާއި ކުރިމަތިލާން ޖެހިފައެވެ.
އައްޑޫގެ 4 ރަށެއްގެ ބިން ހިއްކާނެ ކަމަށް ބުނެފައި އަލުން ބިން ހިއްކާނެ ފައިސާ ނެތް ވާހަކަވެސް މި 100 ދުވަހުގެ ތެރޭގައި ވަނީ އިއްލާންކޮށްފައެވެ.
ހިތަދޫގައި އަޅަން ފައިސާ ލިބިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ވާހަކަ އަދިވެސް މި ސަރުކާރުން ދައްކާ އަޑެއް ނީވެއެވެ. އެހެންވެ މި ސަރުކާރުންވެސް އެ ހޮސްޕިޓަލް އަޅާނެ ކަމާއި މެދު ޝައްކު އުފެދެން ފަށައިފިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނިމިގެންދާއިރު އައްޑޫ ފެންނަނީ ފަހަތު ފަޔަށް ބާރުވެފައިވާ ތަނެވެ. އައްޑޫއަށް އޮތް ކުރިމަގެއް ނުފެނެއެވެ.