އައްޑޫ ޕޮލިސް އެކަޑަމީ ފަރުމާ ކޮށްފައިވަނީ އިންޑިޔާގެ މިލިޓަރީ ބޭސް އެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭނެ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ގާއިމު ކޮށްފައިވާ ޕޮލިސް އެކަޑަމީ ހުޅުވާފައިވާއިރު، އެކަމާ ގުޅޭގޮތުން އުމަރު ނަސީރު ސޯޝަލްމީޑިއާގައި ބުނެފައިވަނީ، އައްޑޫގައި ހުޅުވުނު މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް" ލިޔެފައިވީނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައިއެވަނީ އިންޑިޔާގެ މިލިޓަރީ ބޭސް އެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.
"ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑު ތަށް ބޭނުން ކޮށްގެންނެވެ. މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެކެވެ." އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ހުޅުވިގެންދިޔަ މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އެއީ މެދުކެޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން ނުވަތަ ސިފައިން ތަމްރީން ހޯދުމުގެ ނަމުގަޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ."
މީގެއިތުރުން އުމަރު ވިދާޅުވީ ރާއްޖޭގައި ބެހެއްޓުނު 10 ރާޑަރު ސްޓޭޝަން އަކީވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތި ކަމަށާއި، މި ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާ ގެ އުޅަދު ތަކަށް ފާރަލުމާ އެކު އިންޑިޔާކަޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމަށެވެ.
ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އިންޑިޔާގެ އުގަށްވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުން ކަމަށް އުމަރު ވިދާޅުވިއެވެ. އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތް ކަމަށެވެ.