"ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ގެ ނަމުގައި ހާއްސަ ދުވަހެއް ސްކޫލްތަކުގައި ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރާނީ ކުޅިވަރުގައި ފާހަގަކުރެވޭ ދަރިވަރުންނަށް އެވޯޑް ދޭން ބާއްވާ ކަލާސް އެވޯޑް ހަފުލާ އެވެ. މި އަހަރުގެ އެވޯޑް ހަފުލާ މާދަމާ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި އޮންނާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ "ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ސްކޫލްތަކުގައި ފާހަގަކުރަން ނިންމީ ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާއަށް ދޭ މުހިއްމުކަން އިތުރު ކުރުމަށެވެ.
"ހޭލުންތެރިކަން އިތުރުކުރުމާއި ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް މި ދުވަސް ފާހަގަކުރަނީ." އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ #ދުޅަހެޔޮހަށިހެޔޮދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ވަރަށް ޚާއްޞަ ކުޑަކުދިންގެ ހަވީރެއް 31 މާރިޗު 2022 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެ. ހުރިހާ ކުދިންވެސް ބައިވެރިވައްޗޭ! 😊#ދުޅަހެޔޮމުޖުތަމަޢަކަށް#ހަށިހެޔޮދަރިން pic.twitter.com/VhdS7wvgIl
— Ministry of Education (@MoEdumv) March 29, 2022
އެ މިނިސްޓްރީން ބުނީ "ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ފާހަގަކުރާ އިރު، ސަމާލުކަން ދޭނީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށެވެ. އެގޮތުން އެ ދުވަސް ފާހަގަކުރާނީ ފަތިސް ނަމާދުންނެވެ. އެ އަށް ފަހު، ދަރިވަރުންނާއި މުވައްޒަފުން އެއް ކިލޯ މީޓަރުގެ ދުވުމެއްގައި ބައިވެރިވާނެ އެވެ.
އެގޮތުން މާދަމާ ސްކޫލްތަކުގެ އެސެމްބަލީ ވެސް ހާއްސަކޮށްފައި ވަނީ ވެސް ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާގެ ތީމަށެވެ. އަދި ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާ ގުޅުން ހުރި ހަރަކާތްތައް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
"ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ސްކޫލްތަކުގައި ފާހަގަކުރަން ނިންމި އިރު، މީގެ ކުރިން ސްކޫލްތަކުގައި ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމެއް ވެސް އެޑިއުކޭޝަން މިނިސްޓްރީން ފެށި އެވެ. އެކަމަކު ކޮވިޑާ ވިދިގެން އެ ޕްރޮގްރާމް އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ނާސްތާ ޕްރޮގްރާމްގެ ބޭނުމަކީ ދަރިވަރުން ކިޔެވުން ފެށުމުގެ ކުރިން ހެނދުނު ރަނގަޅު ނާސްތާއެއް ދިނުމެވެ.