ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ސ. ހުޅުދޫ ދާއިރާ އަށް ވާދަ ކުރެއްވުމަށް ނިންމެވީ މިހާރު ހުޅުމީދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އިލްޔާސް ލަބީބަށް ފަސް އަހަރުގެ ދައުރެއް ނިމިގެންދާ އިރު ވެސް އެ ދާއިރާ އަށްޓަކައި އެއް ވެސް ކަމެއް ކޮށްދެވިފައި ނުވާތީ ކަމަށް ޑރ. އިބްރާހިމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
އޭނާގެ ކެމްޕޭން އޮފީހެއް ހުޅުދޫގައި ހުޅުވުމަށް ފަހު، ޑރ. ޑީޑީ ވިދާޅުވީ ހުޅުދޫގެ ރައްޔިތުން ހުޅުދޫ ތަމްސީލް ކުރާ މަޖިލިސް ގޮނޑި އަށް އޭނާ އިންތިޚާބުކޮށް ދެއްވައިފި ނަމަ ސަރުކާރާއި އަދި ކަމާ ބެހޭ އެހެން ފަރާތްތަކާ ގުޅިގެން ހުޅުދޫގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.
"މިހާރު މިދާއިރާ ތަމްސީލް ކުރައްވާ މެމްބަރު [އިލްޔާސް ލަބީބު] ފަސް އަހަރުގެ ދައުރު ނިމިގެންދާ އިރު ވެސް މި ދާއިރާ އަށް އެއްވެސް ކަމެއްކޮށް ދެވިފަކާ ނެތް. އެހެންކަމުން މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތު ހުޅުދޫގެ ރައްޔިތުން އަޅުގަނޑަށް ދެއްވައިފި ނަމަ މަޖިލިހުގެ ތެރެއިން ސަރުކާރާ ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ހުޅުދޫ ދާއިރާ އަށް ތަރައްގީ އާއި ކުރިއެރުން ހޯދައި ދޭން ވަރަށް ބޮޑަށް މަސައްކަތްކޮށް ދޭން ބޭނުންވާތީ އަމިއްލަ ގޮތުން މި ދާއިރާ އަށް ކުރިމަތިލީ." ޑރ. ޑީޑީ ވިދާޅުވި އެވެ.
ދާދި ފަހުން ހުުޅުދޫގައި ކުލިނިކެއް ވެސް ހުޅުވި ޑރ. ޑީޑީ ވަނީ އިއްޔެ 122 މީހުންނާ އެކު އޭނާ މަޖިލީހަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ފޯމް އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.