Last Updated: November 24, 10:30
Sunday, November 24, 2024
ކުޅިވަރު

ކަލާސް އެވޯޑުގެ އެއްވަނަ ރަފާ އަށް

ކަލާސް އެވޯޑުގެ ގަދަ ތިނެއްގައި ހިމެނުނު ދަރިވަރުން - ފޮޓޯ: ރައީސް އޮފީސް

ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ "ކަލާސް އެވޯޑްސް" ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ރޭ ހޯދައިފި އެވެ.

ކަލާސް އެވޯޑުގެ ދެވަނަ ހޯދީ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހުމަދު އެވެ. އަދި ތިންވަނަ ހޯދީ ހުނަރުވެރި އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އެވެ.

ކަލާސް އެވޯޑުގެ އެއްވަނަ ހޯދި ރަފާ އަށް އެވޯޑު ހަވާލުކޮށްދިނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ކަލާސް އެވޯޑު ލިބުނު ރަފާ އަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމެއް ވެސް ދީފައިވާއިރު މިއީ މި އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމެއް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ.

ކަލާސް އެވޯޑުގެ އެއްވަނަ ހޯދި ރަފާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އިންތިޒާމުކޮށްގެން 2019 ވަނަ އަހަރު އަހަރުގެ ޖުލައި މަހު، މޮރިޝަސްގައި ބޭއްވި ޓޭބަލް ޓެނިސްގެ އަންހެން ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދައި ރާއްޖެ އަށް ރަން މެޑަލް ހާސިލުކޮށްދީފަ އެވެ. އެ މުބާރާތުގައި ރަފާ ވަނީ ރިހި މެޑައްޔެއް ވެސް ހާސިލުކޮށްފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ކަލާސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދާ ކާމިޔާބީގެއަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދެމުން އަންނަ އެވޯޑެކެވެ.