ހަށިގަނޑުގައި ޖަހާ ބޭކާރު ސަރުބީ ވިރުވުމުގައި ސަޔަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ގިނަ ދިރާސާތަކުން ހާމަވެފައިވެ އެވެ.
ދާދި ފަހުން އިންޑިއާގެ ސައިންސްވެރިން ކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުން ސަޔަށް ކިރު އަޅައިގެން ބޯ ނަމަ ސައިގައި ހުންނަ ސަރުބީ ވިރުވާލުމުގެ ގާބިލުކަން ކުޑަވެގެން ދެ އެވެ.
ސަރުބީ ގިނަ ކާނާ ދީފައިވާ މީދަލަށް ކަޅު ސައި ދިނުމުން އޭގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން ތިއަފްލެވިންސް އާއި ތިއަރުބިގިންސްގެ ސަބަބުން ސަރުބީތައް ޖަމާނުވެ ހަލާކުވެގެން ދާކަމަށް މި ސައިންސްވެރިންނަށް ވަނީ ހޯދިފަ އެވެ.
ނަމަވެސް ގެރި ކިރުގައި އެކުލެވޭ ޕްރޮޓީންސްގެ ސަބަބުން މި ސަރުބީއާ ހަނގުރާމަކުރުމުގެ ގާބިލްކަން ސައިފަތުގައި އެކުލެވޭ މާއްދާތަކަށް ގެއްލެ އެވެ.
ޓީ ރިސާޗް އެސޯސިއޭޝަން އޮފް އިންޑިއާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކިރާއި ސައިފަތުގައި ހުންނަ މާއްދާތަކުގެ ކެމިސްޓްރީގެ ނަތީޖާ އަކީ މިދޭތި އެކުވުމުން މާއްދާތަކުގެ ފައިދާ ނެތިގެން ދިއުމެވެ.