ކާމިޔާބް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ޕްރިތީ ޒިންތާ އަށް ފަހަކަށް އައިސް ފައިސާގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެގެން އެ ވާހަަަކަތައް މީޑިއާތަކަށް ތިލަވެފައިވެ އެވެ.
މީގެ ތެރެއިން އެންމެ މަޝްހޫރު އެެއް ވާހަކައަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ޕްރިތި ލިޔެ، ޕްރޮޑިއުސްކޮށް، އެކްޓްކޮށް، މިދިޔަ އަހަރު ސްކްރީނަށް ގެނައި ފްލޮޕް ފިލްމް "އިޝްގް އިން ޕެރިސް" ގައި މަސައްކަތް ކުރި މީހަކަށް ބައުންސް ޗެެކެއް ދިން ވާހަކަ އެވެ.
މި މައްސަަލަ ކޯޓާ ހަމައަށް ވެސް ދިޔަ އެވެ. އެހެން ނަމަވެސް މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޕްރިތީ އޭނާގެ ދިފާއުގައި ނިކުމެ ވާހަކަ ދައްކަ އެވެ.
އެކަމަކު އަނެއްކާ ވެސް މި އޮތީ ގަމަ އެފަދަ ވާހަކައެކެވެ. މި ފަހަރު ޕްރިތީ އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުއްޔަށް ދެނީ ކަމަށްވެ އެވެ. ބޭނުމަކީ ބޮލުގައި އެޅިފައި އޮތް ދަރަނިތައް ދައްކަން ފައިސާ ހޯދުމެވެ.
އެހެން ނަމަވެސް "ކިންގްސް ސިކްސް ޕަންޖާބް" ގެ ނަމުގައި ކްރިކެޓް ޓީމެއް ވެސް ހިންގާ ޕްރިތީ ވަނީ މިކަން ދޮގުކޮށްފަ އެވެ. އަދި މީޑިއާތަކުން ފަތުރާ އެފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް "ވީރް-ޒާރާ"، "ސަލާމް ނަމަސްތޭ" އަދި "ކަލް ހޯ ނަހޯ" ފަދަ ފިލްމްތައް ކުޅެފައިވާ ޕްރިތީ ބުންޏެވެ.
"ހެޔޮ ނުވާނެ ތި ފަދަ ވާހަކަތައް ނުފަތުރާ. އަހަރެން ނޫޅެން ބަނގުރޫޓްވެގެންނެއް. މާދަމާ އަަނެއްކާ ހަމަ މިފަދަ ވާހަކަތަކެއް އެހެން މީހަކާ ބެހޭ ގޮތުން ރިޕޯޓްކޮށްފާނެ،" ޕްރިތީ ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "އިރާދަކުރެއްވިއްޔާ އަހަރެން އުޅެނީ ވަރަށް ފުދިގެން. ފައިސާގެ މައްސަލައެއް އަހަންނަކަށް ނެތް. ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް."
ޕްރިތީއަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެންމެ ވިދާލި އެއް ބަތަލާ އެވެ.
އެހެން ނަމަވެސް ބޮލީވުޑަށް ފަހުން ނިކުތް ޒުވާނުން ،ހުނަރުވެރި ބަތަލާއިންނާ އެކު އުމުރުން މިހާރު 39 އަހަރުގެ ޕްރިތީ ފަދަ ތަރިންގެ ކެރިއަރުގައި ވަނީ ފުލްސްޓޮޕް ޖެހިފަ އެވެ.