Last Updated: November 24, 17:50
Sunday, November 24, 2024
ރިޕޯޓް

ތިބާގެ ވޯޓަކީ ބޭކާރު އެއްޗެއް ނޫނެވެ.

ވަރަށް އަދުލުވެރި ރަސްކަލަކު އޭނާގެރައްޔިތުން އޭނާގެ އަމުރުތަކަށް ނުކިޔަމަންތެރިވެ ދެކޮޅުވެރި ވާން ފެށުމުން ވެރިކަމާއި ރަސްކަން ދެކެ ވަރަށްބޮޑަށް ފޫހިވެވަޑައިގެން ރަސްގެފާނު ނިންމެވީ ވެރިކަން ދޫކުރައްވައި އެހެންރަށަކަށް ދިރިއުޅުއްވުން ބަދަލު ކުރައްވާށެވެ.

ރަސްގެފާނުންގެ ޚާދިމުންގެ ތެރެއިން ވަރަށް ވަފާތެރި ޚާދިމަކު ވެސް ރަސްގެފާނުންގެ ވިސްނުމާ އެއްގޮތަށް ރަސްގެފާނާ އެކު ހުންނެވުމަށް ބޭނުންވި އެވެ.

ރަސްގެފާނު ޚާދިމު މީހާ އަށް ވިދާޅުވިއެވެ. އަޅުގަޑު ރަސްކަން ދޫކޮށް މިދަނީ ބީރައްޓެހިތަނަކަށެވެ. އެތަނުން ކުރިމަތި ވާނީ ކޮން ކަހަލަ ކަންތައްތަކެއްކަން ވެސް ބުނެދޭން ނޭނގޭ ހާލު ގައެވެ.

ވީއިރު އަޅުގަނޑާއެކު ކަލޭ ދިޔުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ޚާދިމު މީހާ ރަސްގެފާނަށް ދެންނެވި އެވެ. މާތް މަނިކުފާނެވެ. މިނިކަމެތިއަޅާގެ މުޅިއުމުރުހެން ހޭދަކޮށްފައިވަނީ މަނިކުފާނުންގެ ޚިދުމަތުގަ އެވެ.
އަދި ކުރިއަށް އޮތް ތަނުގައި ކޮންމެ ފަދަ ހާލަތެއްގައި ވެސް މަނިކުފާނުންގެ އަރިހުގައި ހުރުމަށް ބޭނުން ވަނީ އެވެ. ކޮންމެއަކަސް ރަސްގެފާނާއި ޚާދިމު މީހާ އާ ދެ މީހުން ރަސްކަމާއި ރަސްކަމުގެ ލައްޒަތާއި ޖާހަތު ދޫކުރައްވައި ދަތުރު ފެއްޓެވި އެވެ.

ދަތުރު ކުރައްވައި ރަސްގެފާނަށް ވަޑައިގެންނެވުނީ އެ ރަށެއްގެ ވެރިއަކަށް ހުރި މީހާ އަވަހާރަވެގެން އެރަށުގެ ރައްޔިތުން އެމީހުންގެ ވެރިޔަކު އިންތިޚާބު ކުރުމަށް ތައްޔާރުވެފައިވާ ރަށަކަށެވެ.
އެ ރަށުގެ ރައްޔިތުން އެމީހުންގެ ވެރިޔަކު އިންތިޚާބު ކުރުމަށް ކަނޑައަޅާފައިވާ އުސޫލަކީ، ރަށުގެ އެންމެން އެއް ތަނަކަށް ޖަމާވުމަށެވެ.
އެއަށް ފަހު ދޫންޏެއް ގެނެސް އެ ދޫނި އެ މީހުންގެ ތެރެއަށް އުދުއްސުމެވެ. އެ ދޫނި އުދިހިފައި ގޮސް އެ މީހެއްގެ ބޮލަށް ތިރި ކުރާ މީހަކީ އެ މީހުންގެ ވެރިމީހާ ކަމުގައި ކަނޑައެޅުނީ އެވެ.

ރަސްގެފާނު އޭނަގެ ޚާދިމު ކައިރީގައި ވިދާޅުވި އެވެ. ދެ މީހުން ވެސް މި އެއްވުމަށް ގޮސް މިބައި މީހުން ވެރިޔަކު އިންތިޚާބު ކުރާ ގޮތް ބަލަމާ ހިނގާށެވެ.
އެ ރަށު އެހެން ރައްޔިތުންނެކޭ އެއްގޮތަށް ޚާދިމު މީހާ އާއި ރަސްގެފާނު ވެސް މީސްތަކުން ޖަމާވާ ތަނަށް ހިނގައްޖެ އެވެ. ހުރިހާ ރައްޔިތުން އެތަނަށް ހާޟިރުވުމުން ދޫނި އުދުއްސާލެވުނެވެ. މީސްތަކުންތަކުންގެ ބޯމަތީގައި ދެތިން ބުރެއް ޖަހާލުމަށް ފަހު ދޫނި އައިސްތިރި ކުރީ ރަސްގެފާނާ އެކު ދިޔަ ޚާދިމު މީހާގެ ބޮލަށެވެ. ވަގުތުން ރައްޔިތުން އައިސް ޚާދިމު މީހާއަކީ އެ މީހުންގެ ވެރިޔާ ނުވަތަ ރަސްގެފާނުކަމުގައި ކަނޑައަޅައިފި އެވެ.

އެއަށް ފަހު ކަމުވޮށިގެންވާ މީހުންނާއި އާދައިގެ މީހުން އާ ރަސްގެފާނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވަން ފެށި އެވެ. އަލަށް ރަސްކަން ލިބިވަޑައިގަތް "ނޯކަރު ރަސްގެފާނު" ހަގީގީ ރަސްގެފާނަށް ދެންނެވި އެވެ.

މީގެ ފަހުން މަނިކުފާނު ދިރިއުޅުއްވަން ވާނީ އަޅުގަނޑާ އެކު ރަސްކަމުގެ ގަނޑުވަރުގަ އެވެ. ރަސްގެފާނު ވިދާޅުވި އެވެ. އަޅުގަނޑު ރަސްކަމުގެ ތަޚުތު ދޫކޮށް މި އައީ ރަސްކަމުގެ ލައްޒަތާއި އުފަލާއި އަރާމު ދެކެ ފޫހިވާތީ ނޫން ހެއްޔެވެ؟ އެހެންވީމާ އަޅުގަޑު ތިޔަ ގަނޑުވަރުގައި ދިރިއުޅެން ބޭނުމެއް ނޫނެވެ. މިތާ ކައިރިން ޖިފުޓިއެއް އަޅުގަނޑު އުޅެން ފުދޭނެ އެވެ.

ދެން ރަސްގެފާނު ނިންމެވީ ބާ ޖިފުޓީއެއްގައި ދިރިއުޅުއްވުމަށެވެ. ރަސްގެފާނުންގެ މި ޖަވާބަށް އަލަށް ރަސްކަން ލިބިވަޑައިގަތް ނޯކަރު ރަސްގެފާނު ދެންނެވި އެވެ.
އެހެންވެއްޖެއްޔާ ދުވާލު ތިމަންނަ ރަސްކަން ކުރުމަށް ފަހު ރޭގަނޑު ހޭދަ ކުރާނީ މަނިކުފާނާ އެކު ޖިފުޓީގަ އެވެ. ނޯކަރު ރަސްގެފާނު ފުރިހަމަ ޝާނާއި ޝައުކަތާ އެކު ރަސްކަމުގެ ގަނޑުވަރަށް ވަޑައިގަތެވެ.
ޖެހިގެން އައި ދުވަހު އަލަށް އިންތިޚާބު ކުރެވުނު ރަސްގެފާނު ރައްޔިތުންގެ މައްސަލަތަކުގެ ނިޔާ ކަނޑައެޅުމުގެ ފުރަތަމަ ދަރުބާރު އޮތެވެ. ފުރަތަމަ ހުށައެޅުނު މައްސަލައަކީ ވައްކަމުގެ މައްސަލައެކެވެ.

ދެވަނަ މައްސަލައަކީ މާރާރީގެ މައްސަލައެކެވެ. މި ދެ މައްސަލައިގައި ވެސް ނޯކަރު ރަސްގެފާނު ކަންތައް ކުރެއްވި ގޮތަކީ ކޮންމެ މައްސަލައެއްގެ ދެ ޚަސްމުން ގެންނަވާފައި އިތުރު ސުވާލު ކުރުމެއް ނެތި ކޮންމެ މީހެއްގެ ގައިގައި ދުއްރާއިން ވިހި އެތި ފަހަރު ޖެހުމަށް އަމުރު ނެރުއްވުމެވެ.
ރަސްގެފާނުންގެ މިއަމުރުފުޅާ އެކު ދަރުބާރުގައި ތިއްބެވި ކުދިބޮޑު އެންމެނަށް ކުއްލި ހައިރާން ކަމެއް ލިބުނެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ.

އަމުރުފުޅަކީ ރަސްގެފާނުންގެ އަމުރުފުޅެވެ. ދޭވާނި އަށް ޖެހުނީ އަމުރު ތަންފީޒު ކުރާށެވެ. ދުވަހުގެ އިރު އޮއްސުމުން ނޯކަރު ރަސްގެފާނު ހަގީގީ ރަސްގެފާނުންގެ ޖިފުޓި އަށް ވަޑައިގެންނެވުމުން ހަގީގީ ރަސްގެފާނު ސުވާލު ކުރެއްވި އެވެ.
މިއަދު ކަންތައް ކުރީ ކިހިނެތް ހެއްޔެވެ؟ މިއަދު ކަންތައް ކުރި ގޮތުން މި ރަށުގެ ރައްޔިތުން މިހާރު އެ ތިބީ ވަރަށް ބޮޑު ހިތްނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ކަލެއަކީ އަނިޔާވެރި ރަސްކަލެއް ކަމަށް ރައްޔިތުން ވާހަކަ އެބަ ދައްކަ އެވެ. ނޯކަރުރަސްގެފާނު ދެންނެވި އެވެ.

މި ގައުމުގެ ރައްޔިތުން އަދުލުއިންސާފު ބޭނުން ނަމަ ނުވަތަ އެމީހުންގެ ހައްގުތައް ލިބެން ބޭނުން ނަމަ، އެ ދޫނި ތިރި ކުރާނީ އަޅުގަނޑުގެ ބޮލުގެ ބަދަލުގައި މަނިކުފާނުންގެ އިސްތަށިފުޅަށެވެ. އެ މީހުންނަށް ލިބުނީ އެމީހުންގެ ބަހާއި އަމަލާއި އަދި ވިސްނުމާއި އެއްގޮތް ވެރިއެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެމީހުން އެދޭ ފަދަ ވެރިއެކެވެ.

ތެދެއްމެ ﷲ އެބަޔެއްގެ ހާލަތު ބަދަލު ކުރައްވަނީ އެބަޔަކު އެދޭ ގޮތަށެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވަނީ

"إِنَّ اللَّهَ لا يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُوا مَا بِأَنفُسِهِمْ ( الرعد:11 ) ހަމަ ކަށަވަރުން ބަޔަކު މީހުންގެ ހާލަތު އެ ބަޔަކު އަމިއްލަ އަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެހާލަތު ބަދަލެއް ނުކުރައްވާނެތެވެ."

އަޅުގަނޑުމެން ދިވެހިންގެ ހާލަތު ބަދަލު ކުރުމަށް އަޅުގަޑުމެންނަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ފުރުސަތު ލިބެ އެވެ.

ގައުމުގެއެންމެ އިސްވެރިޔަކު އިންތިޚާބު ކުރުމުގައެވެ. ގާނޫނު ހަދާ މަޖިލިހަށް މެންބަރުން ހޮއްވުމުގައެވެ. ލޯކަލް ކައުންސިލްތަކަށް ކައުންސިލަރުން އިޚުތިޔާރު ކުރުމުގަ އެވެ.
ކުރިއަށް އޮތީ ގާނޫނު ހަދާ މަޖިލިހަށް މެންބަރުން އިންތިޚާބު ކުރުމުގެ ދުވަސްތަކެވެ. މަޖިލިސް ގޮނޑިއަށް ޝައުގުވެރިވާ ފަރާތްތައް މަދެއް ނޫނެވެ.
ތަފާތު ޕާޓީތަކުގެ ތަފާތު ކުލަކުލައިގެ ތަފާތު ފެންވަރުގެ މީހުންނެވެ. ކޮންމެ ކެންޑިޑޭޓެއްގެ ދައުވާއަކީ އެ ގޮނޑިއަށް އެންމެ ކުފޫހަމަވާމީހަކީ އޭނާ ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ވޯޓްލުމުގެ ހައްގަކީ ކޮންމެ ފަރުދަކާ ހަވާލު ކުރެވިފައިވާ އަމާނާތެކެވެ.

އެ އަމާނާތް އޭގެ ހައް ގުފަރާތާ ހަވާލު ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ.
ދިވެހި ގާނޫނު އަސާސީ ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތުގެ އެންމެ ބޮޑު ދެ މަސްދަރު ކަމަށްވާ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލު صلى الله عليه وسلم ގެ ސުންނަތުގެ މައްޗަށެވެ.
ވީއިރު މިފަދަ ގާނޫނުއަސާސީ އެއްގެ ދަށުން ހެދޭ ގާނޫނުތައް ހަދަން ތިބެން ޖެހޭނީ އިސްލާމީ ޝަރީޢަތުގެ ޢިލްމަށާއި ވަޟަޢީ ގާނޫނަށް އަހުލުވެރި ބައެއްކަ މާމެދު ޝައްކެއް ނެތެވެ. މި ގައުމުގަ އިކަމަށް ގާބިލު މީހުން މަދެއް ނޫނެވެ.

ދިވެހި ރައްޔިތުން މިފަދަ ގާބިލު ފަރާތްތަކަށް ފުރުސަތު ދީގެން މެނުވީ މިގައުމުގައި ސުލްހަ މަސަލަސްކަން ގާއިމެއް ނުކުރެވޭނެ އެވެ. އަދި ކިއެއްތަ ގައުމު ތަރައްގީއެއް ވެސް ނުކުރެވޭނެ އެވެ.
ނާގާބިލު ބަޔެއްގެ އަތްމައްޗަށް ކުރިއަށް އޮތް ފަސް އަހަރުގެ މަޖިލިސް ހިނގައްޖެނަމަ ފަރުޟު ފަސް ނަމާދު އެއީ ކުރަން ޖެހޭ ކަމެއްތޯ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގާނޫނެއް ފާސް ކުރުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
މިކަމުގެ ހެކި މހާރު ވެސް ފެންނަމުން ދާކަން މީ އެންމެން ދަންނަ ހަގީގަތެކެވެ.

ތިބާގެ ވޯޓަކީ ބޭކާރު އެއްޗެއް ނޫނެވެ. ވޯޓްގެ ބޭނުން އަމިއްލަ މަސްލަހަތު އެއް ފަރާތްކޮށް، ތިމާގެ ދީނާއި ތިމާގެ ގައުމުގެ މަސަލްހަތުގައި ފުރިހަމަ އަށް ހިފަމާ ހިނގާށެވެ.