ނިޔަފައްޗަކީ އަތާއި ފައިގެ އިނގިލިތަކުގެ ކޮޅަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކޮށްދޭ އެއްޗެއްގެ އިތުރުން މީހާގެ ރީތިކަން ދައްކުވައި ދިނުމަށް ވެސް ވަރަށް މުހިއްމު އެއްޗެކެވެ.
އެހެންކަމުން ނިޔަފަތި އުފެދެނީ ކިހިނެއް ކަމާއި ރީތި ނިޔަފައްޗަކަށް ބޭނުން ވަނީ ކޮން ކާނާއެއްކަން ނުވަތަ ކޮން މާއްދާއެއްކަން އެނގުމަކީ ރީތި ނިޔަފަތިތަކެއް ހޯދުމަށް ފަސޭހަ ވާނެ ކަމެއްކަން ޔަގީނެވެ.
ތިމާގެ ހަންގަނޑާއި އިސްތަށިތައް ފަދައިން ނިޔަފަތި ވެސް އުފެދިފައި ހުންނަ މައިގަނޑު އެއްޗަކީ ކެރޮޓިން އެވެ. ކެރަޓަނައިޒޭޝަން ނުވަތަ ހަމުގައި ހުންނަ މަޑު ސެލްތައް ހަރު ނިޔަފައްޗަށް ބަދަލު ކުރަނީ ނިޔަފަތީގެ ބުޑުގައިވާ މަޑު ރިހި ކުލައިގެ ފަށަލައިންނެވެ. މި ފަށަލައަށް ކިޔަނީ ލުނުލާ އެވެ.
ތިމާގެ ހަންގަނޑެކޭ އެއްފަދައިން ނިޔަފައްޗަކީ ވެސް އަބަދު އުފެދި އުފެދި ހުންނަ އެއްޗެކެވެ. ނިޔަފައްޗަކީ މަހަކު ގާތްގަނޑަކަށް ހަތް މިލިމީޓަރަށް ދިގުވާ އެއްޗެކެވެ.
އަދި ހޫނު މޫސުމުގައާއި ބަލިވެ އިންނަ ދުވަސްވަރާއި އަނިޔާއަކުން ނުވަތަ ބައްޔަކުން ރަނގަޅުވާއިރު ނިޔަފަތި ދިގުވާލެއް އަވަސްވެ އެވެ. އަދި ފައިގެ އިނިގިލިތަކަށްވުރު އަތުގެ އިނގިލިތަކުގެ ނިޔަފަތި ދިގުވާލެއް އަވަހެވެ. އަދި ކަނާތްތެރިއެއް ނަމަ އެމީހެއްގެ ކަނާއަތުގެ ނިޔަފަތިތައް ވައަތުގެ ނިޔަފަތިތަކަށްވުރެ ދިގުވުން އަވަސްވާނެ އެވެ. ވާތްތެރިއެއް ނަމަ ވައަތުގެ ނިޔަފަތިތައް ދިގުވާލެއް އަވަސްވާނެ އެވެ.
* ނިޔަފައްޗަށް ބޭނުން ވަނީ ކޮން މާއްދާއެއް؟
ފުރިހަމަ ނިޔަފައްޗަކަށްވެސް ބޭނުން ވަނީ ހަމަ ފުރިހަމަ ހަންގަނޑަކަށާއި އިސްތަށިގަނޑަކަށް ބޭނުންވާ މާއްދާތަކެވެ. އެހެން ނަމަވެސް ބޭނުންވާ މިންވަރު ތަފާތުވާނެ އެވެ.
ތިމާގެ އިސްތަށިގަނޑަށް ބޭނުންވާ ކެލްސިއަމްގެ ދިހަ ގުނަ ނިޔަފައްޗަށް ބޭނުންވެ އެވެ. ނިޔަފައްޗަށް އިތުރަށް ބޭނުންވާ މާއްދާތަކުގެ ތެރޭގައި ބީ ވިޓަމިންސް، ތަރުކާރީގައި ހުންނަ ފެޓީ އެސިޑްސް، ޒިންކް، ކިރުގައި ހުންނަ ކެލްސިއަމް، ޗީޒް، ކުކުޅުބިސް، ޔޯގަޓް އަދި ފެހިކަން ގަދަ ފަތާއި ތަރުކާރީ ހިމެނެ އެވެ.
ނިޔަފައްޗަށް ބޭނުންވާ އެންމެ ރަނގަޅު ކާނާ ލިބޭނީ ތިމާގެ ކެއުމުގައި މިދެންނެވި ބައިތައް ހިމެނުމުންނެވެ.
ޑޮކްޓަރެއް ނުވަތަ ކާނާއާއި ބެހޭ މާހިރެއް (ނިއުޓްރިޝަނިސްޓެއް) އިރުޝާދު ނުދޭހާ ހިނދަކު މިމާއްދާތައް ހިމެނޭ ސަޕްލިމެންޓްސް ނުވަތަ ބޭސް ފަދަ ތަކެތި ބޭނުން ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ވަރަށް ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ނިޔަފަތި ވަރުގަދަ ކުރުމަށްޓަކައި ގެލަޓިން ކެއުމަށް އެމީހުންގެ ބިއުޓީ ތެރަޕިސްޓު ލަފާ އަރުވަ އެވެ.
ނަމަވެސް ނިޔަފަތި ދިގުކުރުމަށް ނުވަތަ ނިޔަފަތި ވަރުގަދަ ކުރުމަށް ގެލަޓިން އެހީތެރިވެދޭ ކަމަކަށް އެއްވެސް ދިރާސާއަކުން ހޯދިފައެއް ނުވެ އެވެ.
* ނިޔަފައްޗަށް އެކަށީގެންވާ ރައްކާތެރިކަން ދިނުން:
ތިމާގެ ހަންގަނޑަށް އަޅާލުމަށް ކުރާ ހުރިހާކަމެއް ނިޔަފައްޗަށް ވެސް ކުރެވި ދާނެ އެވެ. ނިޔަފަތި އަބަދުވެސް ބަހައްޓަން ވާނީ ސާފުކޮށް ރީތިކޮށެވެ. ނޫން ނަމަ ބެކްޓީރިއާ އާއި ފަންގަހުގެ އަސަރު ނިޔަފައްޗަށް ކުރުމަކީ މާދުރު ކަމެއް ނޫނެވެ. އަދި ހަމަ އެއާއެކު ނިޔަފަތި ހިކުނަ ނުދީ ތެތްކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.
ފުރިހަމަ ސިއްހަތެއްގައިވާ ނިޔަފައްޗެއްގެ ސޯޅަ ޕަސެންޓަކީ ފެނެވެ. އެހެންކަމުން ނިޔަފަތީގެ ތެތްކަން މިއަށް ވުރެ ދަށަށް ގޮސް ފެން މަދުވެއްޖެނަމަ ނިޔަފަތި ކުރަކިވެ ހަލާކުވާން ފަށާނެ އެވެ.
ނިޔަފަތީގެ އުމުރު އެންމެ ކުރުވެ ހަލާކުވާ ކަމަށް ބެލެވިފައި ވަނީ ވެސް ނިޔަފަތީގެ ތެތްކަން ދަށަށް ގޮސް ފެން މަދުވެ ހިކެމުން ދާނަމަ އެވެ.
އާންމު ދިރި އުޅުމުގައި އެކި ފަހަރުމަތިން އަތް ދޮވެވެ އެވެ. މިފަދަ ކޮންމެ ފަހަރަކު އަތް ދޮވުމަށް ފަހު ނިޔަފަތިތައް ހިކިގެން ދިޔަ ނުދިނުމަށްޓަކައި އަތުގައި އުނގުޅާ ކޮންމެވެސް ކްރީމެއް އުނގުޅުމަކީ ވަރަށް މުހިންމުކަމެކެވެ.
ކްރީމް އުނގުޅުމުގެ ކުރީގައި އަތް ދޮންނަ އިރު ނިޔަފަތިތައް ރަނގަޅަށް ސާފު ކުރުމަކީ ވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމެކެވެ.
* ނިޔަފައްޗަށް ދެވޭ ބައެއް ގެއްލުން:
އެއްޗެތި އަތުން ދޮންނަ އިރު ބާރުގަދަ ދޮންނަ ކުނޑި ބޭނުންކުރުމަކީ ނިޔަފައްޗަށް ދެވޭ މަރުގެ އިންޒާރެއް ފަދަ ކަމެކެވެ. ނިޔަފަތީގައިވާ ފަށަލަ ތަކަކީ ވަރަށް ވަރުގަދަކޮށް ހެދިފައިވާ އެއްޗެއް ނަމަވެސް ތަކުރާރުކޮށް ބާރުގަދަ ކެމިކަލް ތަކެއްގައި ޖެހުމަކީ ނިޔަފަތިތައް ބަލިވާކަމެކެވެ.
އެހެންކަމުން އެއްޗެތި ދޮންނައިރު ގޭގައި ބޭނުންކުރާ ރަބަރު އަންގިއެއް ބޭނުން ކުރުން ނުވަތަ ރަނގަޅަށް އަތް ދޮވުމަކީ ނިޔަފައްޗަށާއި އަތަށް ދެވޭ ވަރަށް މުހިންމު ރައްކަލަކަށް ވާނެއެވެ. އަންގިއެއް ލައްވާނަމަ އަތުގައި ކްރީމެއް އުނގުޅާލުމަށް ފަހު އަންގި ލެއްވުން ރަނގަޅު ވާނެ އެވެ. އަންގި ތެރޭގައި އުފެދޭ ހޫނުގެ ސަބަބުން، އުގުޅާލެވޭ ކްރީމްތައް އަތުތެރެއަށް ފަސޭހަކަމާ އެކު ވަދެގެން ދާނެ އެވެ.
ނިޔަފަތީގައި ހުދު ލައް ޖެހުން، ނިޔަފަތި ކައިރިން ހަންގަނޑު އުތުވުން ފަދަ ކަންތައްތަކަކީ ކެވޭތަކެތީގައި ސަބަބުން ވާކަމެއް ކަމަށް ބައެއް ފަހަރު ހީވެދާނެ އެވެ.
ނަމަވެސް އެއީ އަދި މިކަމުގެ އަސްލެއް ނޫނެވެ. މާ ގިނައިން ނިޔަފަތި ތަންނުގައި ޖެހޭ ނަމަ ނުވަތަ ނިޔަފަތިން ތަންތަން ކަހާ ހެދުމާއި މާގިނައިން ކޮމްޕިއުޓަރު ކީބޯޑްގައި ޓައިޕްކޮށް ހަދާ ނަމަވެސް މިފަދަ މައްސަލަތައް ދިމާވެދާނެ އެވެ.