ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިލޫމިނަތީ ފިލްމްސްގެ އޮފީހުން އެތަނުގެ މުވައްޒުންތަކެއްް ގިނަ އަދަދެއްގެ އޭސީތަކެއް ވަގަށް ނަގައިފި އެވެ.
މި މައްސަލަ މިދިޔަ ބުދަ ދުވަހު މުމްބާއީގެ ޙާރް ޕޮލިހުންނަށް ރިޕޯޓް ކުރުމާ އެކު، ހަމަ އެ ދުވަހު އޭސީ ވަގަށް ނެގި ކަމުގެ ތުހުމަތިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކޮށްފައި ވަނީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ފެށިގެން އިލޫމިނަތީގައި މަސައްކަތް ކުރަމުން އަންނަ ދެ މުވައްޒަފުން ކަމަށްވާ ސުބާޝް ސަހޫ އާއި ޝާމިން ސޮލާންކީ އެވެ.
ފުލުހުން ބުނީ ސައިފްގެ އޮފީހުން 11 އޭސީ ވަގަށް ނެގި މައްސަލާގައި އެ ދެ މީހުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު ބަޔަކު ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ އާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން ފުލުހުންނަށް ދީފައިވާ ބަޔާންތަކުގައި ބުނެފައި ވަނީ އެ މީހުން ސައިފްގެ އޮފީހުން ވައްކަން ކުރީ ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ، ހަދާނެ އިތުރު ގޮތެއް ނެތުމުން ކަމަށެވެ.
އަދި އޭގެ ތެރެއިން އެކަަކު ބުނީ އޭނާ ވައްކަން ކުރީ އަންހެން ކޮއްކޮގެ ކައިވެންޏަށް ފައިސާ ބޭނުންވާތީ، އޭސީތައް ވިއްކާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ބަންދްރާގެ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށް ދީފައިވާ އިރު، ވަގަށް ނެގި އޭސީ ގަތް ބަަޔަކު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
ބަތަލާ ކާޖޮލްގެ ގެއިން ވެސް އެ ގޭގެ ދެ ނޯކަރަކު ދާދި ފަހުން ވަނީ އަގު ބޮޑު ގަހަނާތަކެއް ވަގަށް ނަގައިފަ އެވެ. އަދި ޝިޕްލާ ޝެޓީގެ ގޭގެ ޖިމުން ވެސް ދާދި ފަހުން އަގު ބޮޑު ސާމާނުތަކެއް ވަގަށް ނަގާފައިވެ އެވެ.
ސައިފްގެ ޕްރޮޑަކްޝަން ހައުސް އިލޫމިނަތީއަކީ ކާމިޔާބު ފިލްމުތަކެއްް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ކުންފުންޏެވެ.
އޭގެ ތެރޭގައި "ލަވް އާޖް ކަލް"، "ކޮކްޓެެއިލް" އަދި "ގޯ ގޯއާ ގޯން" ފަދަ ފިލްމްތައް ހިމެނެ އެވެ.