Last Updated: November 26, 13:44
Tuesday, November 26, 2024
ޚަބަރު

ޑައިވިނާއި ސެކިއުރިޓީ ކޯހެއް އައްޑޫގައި ހިންގަނީ

ޒުވާނުންނަށް އަމާޒުކޮށްގެން "އަ ވީކެންޑް ވިތު އެމްއެންޑީއެފް" ގެ ނަމުގައި އައްޑޫގައި ހިންގި ދެ ވަނަ ޕްރޮގްރާމް އިއްޔެ ނިންމާލައިފި އެވެ.

ގަމުގެ އެމްއެންޑީއެފް ސަދަން އޭރިއާ ހެޑް ކްއާޓަރުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށް ދެއްވީ މިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމެވެ.

އަދި މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް ވައިސް ވަޙީދެވެ.

މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުނު ތިން ޕްރޮގްރާމުގައި ބައިވެރިވި ކުދިންގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތް ކުރި 10 ކުއްޖަކަށް އެމްއެންޑީއެފްގެ ވަޒީފާ އަށް ވަނުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ހިމެނޭ ރިސޯޓްތަކާއި އެމްއެންޑީއެފް ގުޅިގެން އައްޑޫ ސިޓީގެ ޒުވާނުންނަށް ޑައިވިން ކޯހެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

SS (2)

މީގެ އިތުރުން ރިސޯޓްތަކުގައާއި އެހެނިހެން އޮފީސްތަކަށް ބޭނުންވާ ސެކިއުރިޓީ ގާޑުން ތަމްރީން ކުރުމުގެ ކޯހެއް އައްޑޫ ސިޓީގެ ޒުވާނުންނަށް ކުރިއަށް އޮތް ތަނުގައި ފެށުމަށް ރޭވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް ސަދަން އޭރިއާ ބޭސިކް ޓްރޭނިންގް ސްކޫލްގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްގެ އެންމެ މޮޅު ފިރިހެން ދަރިވަރަކަށް ހޮވިފައި ވަނީ ހިތަދޫ ވައިޓް ރޯސް މުޙަައްމަދު ޒިމާމެވެ. އަދި އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައި ވަނީ ހިތަދޫ މުލަންމާގެ މައިޝާ މުޙައްމަދު ވަހީދެވެ.

މި ރަސްމިއްޔާތުގައި "އަ ވީކެންޑު ވިތު އެމްއެންޑީއެފް" ގެ ކޯސް ކޯޑިނޭޓަރ ކެޕްޓަން ޢަލީ އިޙުސާނާއި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭކަލުންނާއި ކޯހުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ކޯހުގެ ދަރިވަރުން ބައިވެރިވި އެވެ.

SS (1)

"އަ ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ރިވެތި އުޞޫލުތައް ދަސްކޮށް ދިނުމާއި ބައިވެރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙް އަށަގެންނެވުމާއި ލީޑަރޝިޕް ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމެވެ.

އަދި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލާ، ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމާއި ހަރުދަނާ ނަފްސެއް ބިނާ ކުރާނެ ގޮތްތަކާއި އެމްއެންޑީއެފް އާއިބެހޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުވައި ދިނުމެވެ.