Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

ޕިކްނިކް އައިލޭންޑެއް ހަދައިދޭން ހިންމަފުށިން ހުށަހަޅައިފި

ކ. ހިންމަފުއްޓަށް ޕިކްނިކް އައިލޭންޑެއް މުހިއްމުވާތީ އެކަން ސަރުކާރުން ކޮށް ދިނުމަށް އެ ރަށު ކައުންސިލުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

ހިންމަފުށީ ކައުންސިލުން ރައީސް އޮފީހުގައި ރައީސް ސޯލިހާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޕިކްނިކް އައިލެންޑެއްގެ މުހިންމުކަމާއި ގިރާ ސަރަޙައްދު ހިމާޔަތްކޮށް އެ ސަރަޙައްދުގައި ބީޗެއް ތަރައްގީކުރަން ބޭނުންވާކަމަށް ބުންޏެވެ. މީގެ އިތުރުން ކައުންސިލް އިދާރާ އަށް އައު އިމާރާތެއްގެ މުހިންމުކަމާއި އެކިއެކި ޖަލްސާ އަދި ހަރާކާތްތައް ބާއްވާނެ މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި ފުލުހުންގެ ޚިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ޒުވާނުންނަށް ޓާފް ދަނޑެއް ތަރައްގީކުރަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

އަދި ހިންމަފުށީގެ ސިއްޖީ ހިދުމަތް އިތުރަށް ތަރައްގީކޮށް، އިތުރު ހިދުމަތްތައް ތައާރަފުކުރަން ވެސް ބޭނުންވާކަން ފާހަގަކޮށް އެކަން ރައީސަށް ހުށަހެޅި އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކައުންސިލަރުން ހުށަހެޅި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ގެނެވެން ހުރި މުހިންމު ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަފި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.