ރާއްޖޭގެ ތާރީހުގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މަންފާވި މީހުންގެ ތަހުގީގާއި ނުއަގުގައި ދޫކުރި ރަށްތަކުގެ އަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އިބްރާހިމް ޝާމިލް ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިމައްސަލައަކީ އެހެން އިދާރާތަކާވެސް ގުޅިގެން ކުރިއަށްގެންދާ މައްސަލައެއްކަން ފާހަގަކޮށް ޝާމިލް ވަނީ އެއިދާރާތަކާއިވެސް މަޝްވަރާކޮށްގެން މައްސަލަ އަވަސްކުރެވޭނެ ހުރިހާމަގެއް ބަލަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
ޝާމިލް ވިދާޅުވީ އެމްއެމްޕީއާރުސީއާއި ގުޅޭ ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި ހުރިހާ އިދާރާތަކެއް އެއްކޮށް ބައްދަލުކުރެވިފައިވާ ކަމަށާއި، ކުރިއަށްދާނެ ޕްލޭނެއް އެކުލަވާލުމަށާއި، މިހާރު އޮތް އެމްއޯޔޫ ރިވައިސްކޮށް އަލުން މަސައްކަތްތައް ބައްޓަންކުރާނެގޮތަކަށް އެއްބަސްވެވިފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމާއެކު އެކޮމިޝަންގައި ހުރި ހުރިހާ ވަސީލަތްތަކާ އެތާގަހުރި އެވިޑެންސްއާ އެތާގަހުރި އެހެނިހެން ކަންކަމާ ކިހިނެއްތޯ ޓްރާންސްފަރކުރާނީ އެމަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު ވާހަކަ ދެކެވި އެއްބަސްވެވި މާދަމާ އަޅުގަނޑުމެން ޓްރާސްފާކުރުމުގެ މަސައްކަތް ފަށާނަން." އޭސީސީގެ ރައީސް ޝާމިލް ވިދާޅުވިއެވެ.
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓާ ގުޅޭގޮތުން އޭސީސީގެ ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓަކާއި މަޖިލީހުގެ ޖޮއިންޓް ކޮމިޝަނުން އެކުލަވާލި ލިސްޓެއް އެބައޮތްކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު މީގެ ކުރިން ކޮށްފައިވާ ކަންކަމަށް މުޅިއަކުން އަޅުގަނޑުމެން ބަރޯސާވާނީކީއެއް ނޫން."
މީގެއިތުރުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތަކުގެ ހަމައަގު އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާކަމަށެވެ. އަދި އެރަށްތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމަކީ އެންމެބޮޑު އަމާޒުކަމަށެވެ.