ސ. ފޭދޫގައި އުޅޭ ބޯހަމަނުޖެހޭ މޮޔައެއްގެ ސަބަބުން ރަށު ތެރޭގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް މީހުން ބުނެފި އެވެ.
އެ މީހަކީ ރަށު ތެރެއަށް އާންމުކޮށް ނިކުމެ ހިނގައި އުޅޭ އިރަމާގޭ އަބްްދުއްލަތީފެވެ.
"އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި ބައެއް މީހުން ބުނީ އޭނާ ރަށުތެރޭގައި އުޅޭ ގޮތުންނާއި މީސްމީހުންނާ އެކިއެކި ގޮތަށް ދިމާކޮށް ބިރު ދައްކައި، އިންޒާރު ދީ ހަދަމުންދާތީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ކަމަށެވެ.
އަދި މަގުމަތިން ފެންނަ އަންހެނުންނާ ވެސް ދިމާކޮޮށް، ބައެއް ގޭގެ އަށް ވެސް ވަދެ އޭނާ ޒުވާބުކޮށް ހަދާ ކަމަށް ބައެއް މީހުން ބުންޏެވެ.
"އިހަކަށް ދުވަހު ހެނދުނު އަހަރެން ދައްތައެއް ވެސް މަގުމަތީގައި ކުނި ކަހަން ހުއްޓައި އައިސް ކައިރި އަށް މަޑުކޮށްލާފައި، ތިމަންނަ އާ އިންނަންވީ ނޫންހޭ ކިޔާފައި ޒުވާބުކޮށް ބިރު ދައްކައި އުޅުނު،" ފޭދޫގެ ޒުވާނަކު ބުންޏެވެ. "އޭގެ ފަހުން ހަމަ ދައްތައަކު ހިނގާފައި ދަނިކޮށް ފެނުނީ އޭނާ މަގުމަތީގައި އޮށޯވެގެން އޮއްވައި. ދެން އޭނާ ބިރުން ދާން އުޅުނު ތަނަށް ވެސް ނުގޮސް އައިސް ގެއަށް ވަނީ."
މަގުމަތިން ބައެއް މީހުންނާ ދިމާކޮށްލައި، ލަކުނޑިބުރި ފަދަ ތަކެތި ހިފައިގެން "މަރާލާނެ" ކަމަށް ބުނެ ފަހައި ދުވުމުގެ އިތުރަށް، އާންމު ތަންތަނުގައި އޮރިޔާމުން އޮވެ، އޭނާ އަމިއްލަ ޖިންސީ އެދުން ވެސް ފުއްދާ ކަމަށް ބައެއް މީހުން ބުންޏެވެ.
"އިހަކަށް ދުވަހު އަޅުގަނޑު ގެއަށް ދާން ހިނގާފައި ދަނިކޮށް، އޭނާ އަށް އަހަރެން މަގުމަތިން ފެނިގެން ކަލެއަކީ ތިމަންނަގެ ސައިކަލް ވަގަށް ނެގި މީހާ ކަމަށް ބުނެ ބޮޑު ލަކުނޑިބުރިއެއް ހިފައިގެން އަހަރެން ފަހައި ގަތީ. އެއީ ވަރަށް ބިރުގަތް ދުވަހެއް،" ފޭދޫން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ. "ދެން އަހަރަން ސަލާމަތް ދުއްވައިގަތް އިރު، އެ ހިސާބުގަނޑުން ދޮރު ހުޅުވާފައި ހުރި ގެއަކަށް ވަދެ ރައްކާތެރިކަން ހޯދީ. އެހެން ނޫން ނަމަ އެ ދުވަހު އޭނާ އަހަންނަށް ބޮޑު އަނިޔާއެއް ދިނީސް."
އެ އަންހެން މީހާ އިތުރަށް ބުނީ އޭގެ ދުވަސްތަކެއް ފަހުން، އޭނާގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވެސް ލަތީފް ފަހައިގަތް ކަމަށެވެ.
"އޭގެ ފަހުން އެ ކުއްޖާ އަށް ނުކުރެވޭ އެކަނި ސްކޫލަށް ދާކަށް ވެސް. ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުންނަނީ." އޭނާ ބުންޏެވެ.
ފޭދޫން ސިއްހީ މަރުކަޒުން ވާހަކަ ދެއްކި މީހަކު ބުނީ ލަތީފް ވަރަށް ގިނައިން އެތަނަށް ވަދެ އެތަނުގައި ތިބޭ މުވައްޒަފުންނަށް ވެސް ބިރު ދައްކާ ކަމަށެވެ. އެގޮތުްނ ރޭގަނޑާއި ދުވާލު ވެސް ޑިއުޓީގައި ތިބޭ އަންހެން މުވައްޒަފުން ތިބެނީ އޭނާ އާ ހެދި ބިރުން ކަމަށް ސިއްހީ މަރުކަޒުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ބައެއް ރޭރޭ ދަންވަރު ވެސް އޭނާ މިތަނަށް އެބަ ވަދޭ. އަނެއްކާ ވަންނަ އިރު ލައިގެން އިންނަ ސޯޓް ވެސް ތިރިކޮށްގެން ގިނަ ފަހަރަށް ހުންނާނީ. އަދި މިތަނުގައި ތިބޭ ނަރުސް ކުދިންނަށް ބިރު ދައްކައި ހަދާތީ ދަންވަރު ޑިއުޓީ ނިކުންނަން ވެސް ބައެއް ކުދިން ޖެހިލުންވޭ،" އޭނާ ބުންޏެވެ. "އަހަންނަށް ހީވަނީ މިވަރުގެ މީހަކު މި ގޮތަށް ރަށުތެރެ އަސް ދޫކޮށްލައިގެން އުޅެނިކޮށް ބަޔަކު ކިތަންމެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެހެން. މިކަމާ ވެއްޖެ ކޮންމެވެސް ބަޔަކު ފިޔަވަޅެއް އަޅަން. އޭނާ ވަރަށް ވައިލަންޓް ބައެއް ވަގުތުތަކުގައި. އަންނަ ގޮތަށް އައިސް ބައެއް މީހުންގެ ގައިގައި ތަޅައި ގަނޭ. ގިނަ ފަހަރަށް އަތުގައި ލަޓިބުރިއެއް ވެސް އޮންނާނެ."