އާސަންދަ އިސްލާހު ކުރައްވާނެ ކަމަށާއި، ވައްކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ވަރަށް މުހިންމު ބައެއް ކަންކަމުގައި ރައްޔިތުންނަށް އާސަންދައިގެ އެހީތެރިކަން ނުލިބޭކަން ފާހަގަކޮށް އާސަންދައިގެ ސިޔާސަތުތައް އިސްލާހު ކުރުމުގެ ވިސްނުން ހުރިތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އާސަންދައިގެ ކަންކަން ފާހަގަކުރެވޭ ކަމަށާއި، އަދި އެކަމުގައި އާސަންދައާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. އަދި މަޝްވަރާތައް ނިމޭގޮތެއްގެ ރިޕޯޓެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ އާސަންދައިގައި އިސްލާހު ގެންނަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެހެންކަމުން އެކަންކަމަށް ބެލުމަށްފަހު ގެންނަންޖެހޭ އެންމެ ރަނގަޅު ބަދަލުތައް ގެންނާނެ ކަމަށެވެ.
ސަލީމްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސް ވަނީ އާސަންދައިގެ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އާސަންދަައިގެ ކަންތައްތަކަށް ހަރަދުވާކަމަށެވެ. އާސަންދާގައި އެތައް މައްސަލަތަކެއް އެބައުޅޭ ކަމަށާއި އެކަންކަން އިސްލާހު ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އެ ކަންތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން އިނގޭތޯ އިއްޒަތްތެރި މެންބަރު. ޔަގީން ކުރައްވާ، އަޅުގަނޑު ވައްކަމަކަށް ތާއީދެއް ނުކުރާނަން." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
އާސަންދައިން ކުރެވޭ އިސްރާފު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން މިއަހަރަށް ލަފާކުރި ބަޖެޓް މަޖިލީހަށް ހުށަހަޅަމުން ވެސް ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވިދާޅުވީ، އާސަންދައިގެ ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާކަމަށެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.