Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

ކުނި މެނޭޖްކުރާނެ ހުނަރުވެރިން ބޭނުންވޭ: ޝައުނާ

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރާނެ ހުނަރުވެރި ދިވެހިން ބިނާކުރަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

"ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓު ޓު ވެލްތު" އިފްތިތާހުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ކުނީގެ މައްސަލަ އެހާ ބޮޑީ އެކަމަށް ކުރިން އެކަށީގެންވާ އަޅާލުމެއް ދެވިފައި ނެތުމުން ކަމަށެވެ. އެކަމަކު މިހާރު އެކަމާ ނޫޅެ ވާކަށް ނެތް ކަމަށާއި މިކަން ހަރުދަނާ އަދި ދެމެހެއްޓެނި ގޮތެއްގައި ކުރިިއަށް ގެންދިއުމަށްޓަކައި ރާއްޖެ އަށް ކުނި މެނޭޖްކުރާނެ ހުނަރުވެރި ދިވެހިންގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ހުނަރުވެރި ދިވެހިން އުފައްދަން. ކޮންމެ ރަށެއްގައި، ކޮންމެ ކައުންސިލެއްގައޮ، މިކަން ކުރާނެ ގޮތުގެ މައުލޫމާތާއި މިކަން ކުރާނެ ގޮތުގެ ވޯކް ފޯސްއެއް އުފެދެން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެން ނޫން ކަމަށް ވާނަމަ އަޅުގަނޑުމެންނަކަށް މުސްތަގުބަލުގައި ރާއްޖެ އަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައެއް ނުދެވޭނެ. އަދި މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ވެސް ހޯދައެއް ނުދެވޭނެ."

ޝައުނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނި މެޝިންތަކެއް ގާއިމުކޮށްގެން ނޫން ކަމަށާއި އެއީ ގޭބީސީއާ ހިސާބުން ފެށޭ ކަމެއް ކަމަށެވެ. އެހެންވެ މިކަން ހައްލުކުރުމަށްޓަކައި ވެމްކޯ އާއި ސަރުކާރުގެ އިދާރާތަކުން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ހިތްވަނީ މިއަދު މިފެށޭ މަސައްކަތުގެ ސަބަބުން ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމުގެ ދާއިރާގައި ޒުވާނުން ޝައުޤުވެރިވާފަދަ ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، އުކާލެވޭ ތަކެތިން ނަފާ ހޯދުމުގެ ވިސްނުން އަށަގެންފައިވާ ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައެއް ބިނާވާތަން." އޭނާ ވިދާޅުވި އެވެ.