Last Updated: November 22, 13:56
Friday, November 22, 2024
ޚަބަރު ޝަރުއީ ދާއިރާ

އާޒިމާގެ ވަކީލަކަށް ނިހާޔަތަށް ދައުލަތުން އިއުތިރާޒުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އާޒިމާގެ ވަކީލެއްގެ ގޮތުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް މަސައްކަތް ނުކުރެވޭނެ ކަމަށް ޕީޖީގެ ވަކީލު ހައިކޯޓުގައި ބުނެފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅުމުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މިއަދު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

އެގޮތުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އާޒިމާގެ ވަކީލަކަށް ނިހާޔަތު އައްޔަނު ކުރުމުން އެކަން އިއުތިރާޒުކޮށް މިމައްސަލައިގައި އާޒިމާގެ ވަކީލަކަށް ނިހާޔަތަށް ނުވެވޭނެކަމަށް ބުނެފައެވެ. އެގޮތުން ޕީޖީގެ ވަކީލް ވިދާޅުވީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ލިބި ދައުވާ ކުރިއިރުވެސް ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކަމަށެވެ. އަދި ވަކީލަކު މަސައްކަތް ކުރަމުން ދަނިކޮށް އެ އިދާރާއަކަށް ހުށަހެޅި، މަޝްވަރާކުރި މައްސަލައެއްގައި އެ ވަކީލަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 146 ވަނަ މާއްދާގައި ބުނާކަން ދައުލަތުން ފާހަގަކުރިއެވެ.

ދައުލަތުން މިކަން ފާހަގަކުރުމުން އާޒިމާގެ ވަކީލް ނިހާޔަތު ވަނީ މިމައްސަލަ ޕީޖީގައި އޮތްއިރު އޭނާގެ އެއްވެސް ދައުރެއް މި މައްސަލައިގައި އޮތްކަން ދައުލަތުން ނުބުނާކަން ފާހަގަކޮށްފައެވެ. އަދި ޕީޖީ އޮފީހުގެ އިންތިޒާމުތައް ހުންނަނީ ހުރިހާ މައްސަލައަކަށް އެންމެނަށް އެކްސަސް އޮންނަ ގޮތަށް ނޫންކަމަށާއި، އިސްތިއުފާ ދިނުމާ ހަމައަށްވެސް އާޒިމާގެ މައްސަލައިގައި އެއްވެސް މަރުހަލާއެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ ދައުލަތުން ފާހަގަކުރި މާއްދާ މާނަކުރުމުގައި މަތީމަރުހަލާގެ ކޯޓުތަކުން މީގެކުރިން އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މަރިޔަމް ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވާކަމަށާއި، އެގޮތުން އެ މައްސަލައިަގއި ނަޒާހާގެ ވަކީލެއްގެ ގޮތުން ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާ މިމައްސަލައިގެ ހާލަތު ތަފާތު ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މީގެއިތުރުން މަރުގެ އެހެން މައްސަލައެއްގައި ވެސް ހައިކޯޓުން އެ މާއްދާއާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ފާހަގަކުރި މައްސަލައިގައިވެސް ހައިކޯޓުން ނިންމާފައިވަނީ ވަކީލަށް ވަކާލާތު ކުރެވޭނެ ކަމަށެވެ.

ހައިކޯޓުގެ މިއަދުގެ އަޑުއެހުމުގައި އާޒިމާ ޝުކޫރު ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ ބޭނުންވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި މި މައްސަލަ ޕީޖީގައި އޮތްއިރު ނިހާޔަތުގެ ބައިވެރިވުމެއް އޮތް ކަމަށް ދައުލަތުން ބުނާ ނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތަށް ކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ އަޑުއެހުން ކުރިއަށްދިޔައިރު ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަޑުއެހުން އެކިފަހަރުމަތިން މެދުކަނޑާލަންޖެހުނެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު ފަރުހީޒާ ވިދާޅުވީ ދައުލަތުން އިއުތިރާޒު ކޮށްފައިވާ މައްސަލައާ ގުޅިގެން ނިންމާ ގޮތެއް އަންގާނެ ކަމަށާއި، އަދި މިމައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ.