ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރުއީ ހުރިހާ އަޑު އެހުންތަކެއް އިއްޔެ ނިންމާލައިފި އެވެ.
ޖާދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ނޮވެމްބަރު 16، 2012 ގައި ހދ. ހޮނޑައިދޫގައި އޭނާ މަސްތުގެހާލަތުގައި ހުރި ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދޭން އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސްގެ ސީއީއޯ އެވެ.
ގަމުގެ ދޫގަސް ޖޭ ހޮޓެލްސް އާ ހަވާލު ކުރުމާ ގުޅިގެން އެތަނުގައި ރޭ ބޭއްވި ހަފުލާގައި ވެސް ޖާބިރާ އެކު، ޖާދު ބައިވެރިވި އެވެ. ޖާބިރަކީ ވެސް ހޮޑައިދޫ މައްސަލާގައި ދައުވާ ކުރާ ބޭފުޅެެކެވެ.
ޖާދުގެ މައްސަލާގައި އިއްޔެ ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ އެންގުމަށް ކުޑަކަމުދާ އެއްޗިހި ދޭން ޖާދު އިންކާރު ކުރިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަހުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ގަވާއިދު ބުނާ ގޮތުން ކުޑަކަމުދާ އެއްޗިހި ދޭން އަންގަން ޖެހެނީ ފޯމަކުން ކަމަށާއި އެ ފޯމް ޖާދު އަށް ދައްކާފައި ނުވާ ކަމަށް އޭނާ ބުނި ނަމަވެސް ފުލުހުން އެ ފޯމް ދައްކަން އުޅުމުން ފުލުހުން ދައްކާ އެއްވެސް ލިޔުމެއް ބަލަން އޭނާ ބޭނުން ނުވިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަހުން އެނގެން އޮންނަ ކަމަށެވެ.
ޖާދުގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކީންގެ ހެކި ބަހުގައި ފުށު އެރުންތަކެއް ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޖާދުގެ ވަކީލާ ވިދާޅުވީ އެ މައްސަލައިގައި ތަހުގީގަށް ބަޔާންދިން ބައެއް ފުލުހުންގެ ބަޔާން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިި ނުވާ ކަމަށާއި އެއީ އެ މައްސަލަ ވަކިގޮތަކަށް ބައްޓަން ކުރުމަށް ދައުލަތުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އިއްޔެގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ