(ފެބްރުއަރީ 17، 2014 ގެ ބަޔާ ގުޅޭ)
ވެރިކަން ދޫކޮށްލެއްވި ނާސިރާ ދެކޮޅަށް ނިކުތުން
ރައީސް މައުމޫންގެ ޒައާމަތަށް ކިރިޔާ އަހަރު ފުރުނީ އެވެ. ދެން މި އިވިގެން ދިޔައީ ސަރުކާރު ވައްޓާލުމަށް ދިވެހިންގެ ބަޔަކު ރޭވުންތަކެއް ރާވަމުންދާ ވާހަކަ އެވެ. ސަރުކާރާ ދެކޮޅަށް ބައާވާތް ކުރުމަށެވެ. ކުރީގެ ރައީސް އިބްރާހީމް ނާސިރު އެނބުރި ވެރިކަމަށް ވަޑައިގަތުމަށް ޝައުގުވެރިވެ އެކަމަށް މަސައްކަތްޕުުޅު ކުރައްވަމުން ގެންދަވާ ވާހަކަ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހަށް މާޗް 28، 1980 ގައި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައިވެ އެވެ. ދިވެހި ރާއްޖޭގެ އަޑުން އަޑު ފަތުރަމުން ދިޔަ އިރު މި އަޑު އެންމެ ކަނުލާ އަހަމުން ދިޔައީ އައްޑޫ ރައްޔިތުން ކަމުގައިވުން އެކަށީގެންވެ އެވެ.
މައުމޫނަށް ވެރިކަން ލިބިވަޑައިގެންނެވީ ވެލާނާގޭ އިބްރާހީމް ނާސިރު ވެރިކަން ކުރައްވާތާ 20 އަހަރުވެ، އެ ވެރިކަމުގެ ޖާހާއި ޝަރަފާއި އިއްޒަތުން އަލާކެނޑޭ ވަރުވެ ވެޑައިގަތް ފަހުންނެވެ. އެއަށް ފަހު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވައި އަބަދަށްޓަކައި ރާއްޖެ ވެސް ދޫކުރައްވައި ފުރާވަޑައިގެންނެވުމުހެ މަގުމަތީގަ އެވެ.
އައްޑު އަތޮޅު ގަމުން އިނގިރޭސީން ފައިބައިގެން ދިޔައީ ނާސިރުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ގުނަމުން ދަނިކޮށެވެ. ވިހި އަހަރު ވަންދެން އައްޑު އަތޮޅު ގަމުގައި އޮތް އިނގިރޭސިންގެ އަސްކަރީ މަރުކަޒު ދޫކޮށް، އިނގިރޭސީން ގަމުން ފައިބައިގެން ދިއުމުން ގަމުގައި ހުރި މުދަލާއި މަސައްކަތުގެ ދިޔަ މީހުންގެ ވަޒީފާތަކާއި ގަމުގެ ހޮސްޕިޓަލް އަދި ހިތަދޫ އާރްއޭއެފް އިންދިރާހެއް ނެތި ދިޔައީ ދެރަ ގޮތަކަށެވެ.
އޭގެ ސަބަބުން އައްޑު އަތޮޅު ރައްޔިތުން ތިބީ ނާސިރުގެ ސަރުކާރާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އެހާމެ ހިތްހަމަނުޖެހިފަ އެވެ. އެވާހަކަ ތިޔަ ބޭފުޅުން ވާނީ އައްސަވާފަ އެވެ.
ކަންތައްތައް މިފަދަ ދެރަ ގޮތަކަށް ހިނގާފައި އޮތުމާ އެކު މައުމޫނަށް ވެރިކަން ލިބިވަޑައިގަތުމުން އެ މަނިކުފާން ވަނީ އައްޑު އަތޮޅުގެ ރައްޔިތުންގެ ހައްގު ހޯއްދަވައި ދެއްވުމަށް ވައުދުވެ ވަޑައިގެންފަ އެވެ. އައްޑު އަތޮޅުގެ ރައްޔިތުންގެ ތާއީދާއި އިހުތިރާމް މައުމޫނުގެ ސަރުކާރަށް ހުސް ކުރެވިފައިވެ އެވެ.
އައްޑޫ މީހުން އެފަދަ އުންމީދަކާ އެކު ބަލައިގަތް ސަރުކާރެއް ނެތި ދިއުމުގެ ވާހަކައަކީ އައްޑޫގެ އެއްވެސް މީހަކު އަހަން ބޭނުންމ އަޑަކަށް ނުވާނެކަން ކަށަވަރެވެ. މައުމޫންގެ ސަރުކާރާ ދެކޮޅަށް ތެދުވި ބަޔަކަށް ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަން މާލޭގެ މަގުތަކަށް ނެރުއްވި މީހުންނާ އެކު އައްޑޫ މީހުން ވެސް މަގުތަކަށް ނިކުތީ އެހެންވެގެންނެވެ.
ފަހަތުގައި ބަޔަކު ތިބެގެން ކޮއްޕަމުން ނެރުނު ކަމުގައި ވިޔަސް ވެސް އެ ނިކުތް ނިކުތުމުގައި ވަނީ އިހުލާސްތެރިކަމެވެ.
މައުމޫންގެ ސަރުކާރަށް ތާއީދު ކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި އެންމެ ބޮޑު މުޒާހަރާއެއް ކޮށްފައިވާ އެއް ބަޔަކީ އައްޑޫ މީހުންނެވެ. ރައްޔިތުންގެ ވެރިކަން ދިފާއު ކުރުމުގެ ނަމުގަ އެވެ.
ކުޑަ ކުދިން ވެސް ބައިވެރި ކުރި މި މުޒާހަރާތަކުގައި 20 އަހަރު ވަންދެން މި ގައުމުގެ ޒައާމަތުން ދެމެހެއްޓެވި އަދި މި ގައުމަށް މިނިވަންކަން ހޯއްދަވާ ދެއްވި ޒައީމްގެ އަބުރުފުޅާ ބެހި ހަޑި ހުތުރު ބަހުން ގޮވައި ހެދި އެވެ. ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ހިނގާފައިވާ އިހާނެތި ކަންތައްތަކުގެ ފަތިފުށް ހާމަ ކުރި އެވެ.
އޭގެ ތެރޭގައި އެންމެ އަސަރުން ފުރިގެންވާ އެއް ވާހަކައަކަށް ވެގެން ދިޔައީ ދެކުނުގެ "ސުވާދީބް" ގެ ރަށްވެހިންނާ މެދު، ހާއްސަކޮށް އައްޑު އަތޮޅުގެ ރައްޔިތުންނާއި ހަވަރު ތިނަދޫ ރައްޔިތުންނާ މެދު ކަންތައް ކުރެއްވި އިހާނެތި ގޮތުގެ ވާހަކަ އެވެ.
ގަމުން އިނގިރޭސީން ފޭބުމަށް ފަހު ގަމުގެ މައްސަލާގައި އަމަލު ކުރެއްވި ދެރަ ގޮތުގެ ވާހަކަ އެވެ. މި ވާހަކަތަކަކީ އައްޑޫ މީހުން ވަރަށް ގަޔާވި ވާހަކަތަކަކަށްވި އެވެ. (ނުނިމޭ)
—————————————————————————————-
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސްކުރަމެވެ.
—————————————————————————————-