ހެއްވާ މަޖާ ޓީވީ ޝޯތަކުން އާންމުންގެ ހިތްތައް ފަތަހަކޮށްފައިވާ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ ވެސް އެންމެ ފަހުން ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އޭނާއަކީ ސޮނީ ޓީވީން ގެނެސްދޭ ކޮމެޑީ ޝޯ "ކޮމެޑީ ސާކަސް" ގެ ވެސް ކުރިން ވަރަށް ބޮޑު ހިއްސާއެކެވެ.
އެހެން ނަމަވެސް އެ ޝޯ އިން ލިބުނު ތަރުހީބާ އެކު ކަޕިލް މިހާރު އަންނަނީ އޭނާގެ އަމިއްލަ ނަމުގައި ކަލާޒް ޗެނަކުން ކޮމެޑީ ޝޯއެއް ހުށަހަޅައި ދެމުންނެެވެ.
އެއީ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް ޝަރްމާ" އެވެ. މި ޝޯވެގެން ގޮސްފައި ވަނީ އިންޑިއާގެ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ ކާމިޔާބް އެއް ޓީވީ ޝޯއަށެވެ.
އަނެއްކޮޅުން ބޮލީވުޑްގެ ފިލްމްތައް ޕްރޮމޯޓް ކުރަން މިހާރު އޮތް އެންމެ ވަރުގަދަ ޕްލެޓްފޯމަކީ ވެސް "ކޮމެޑީ ނައިޓްސް ވިތު ކަޕިލް ޝަރްމާ" އެވެ. ނިކުންނަ ހުރިހާ ފިލްމްތަކެއްހެން އެ ޝޯގައި ޕްރޮމޯޓް ކުރެވެ އެވެ. ހާއްސަކޮށް ފިލްމުގެ ތަރިންނާ އެކު ކަޕިލް ގެނެސްދޭ ހެއްޖާ މަޖާ ކަންތައްތަކާ އެކުގަ އެވެ.
މި މަސައްކަތުގެ ތެެރެއިން ޓީވީ ސްކްރީނުން ނިކުމެ، ބޮޑު ކްސްރީން ފޫއަޅުވާލަން ކަޕިލް މިހާރު ވަނީ ފައި ނަގައިފަ އެވެ.
އަނެއްކޮޅުން އޭނާ ބޮޑު ސްކްރީނަށް ނިކުންނަނީ އިންޑިއާގެ އެންމެ ވަރުގަދަ، އެންމެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގޮތްޕެއް ކަމަށްވާ ވައި-ފިލްމްސްގެ ފިލްމަކާ އެކުގަ އެވެ.
އެ ފިލްމުގެ ނަމަކީ "ބޭންކް ޗޯރް" އެވެ. ވައިއާރްއެފުން ބުނި ގޮތުގައި ކަޕިލް ވަނީ ވައި-ފިލްމްސް އާ އެކު ތިން ފިލްމުގެ އެގްރިމަންޓެއް ހަދައިފަ އެވެ. އެގޮތުން ބެލުންތެރިންނާ ހަމައަށް އަންނާނެ ފުރަތަމަ ފިލްމަކީ "ބޭންކް ޗޯރް" އެވެ. މިއީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ އަދި ކަޕިލްގެ ކެރެކްޓާ އާ ވަރަށް ބޮޑަށް ގުޅޭ ފިލްމެއް ކަމަށްވެ އެވެ.
"ބޭންކް ޗޯރް" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ބަމްޕީ އެވެ. މި ފިިލްމުގެ ޕްރޮޑިއުސަރަކީ އަޝިޝް ޕަޓިލް އެވެ.
ފިލްމުގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް ކަޕިލް ފިޔަވައި "ބޭންކް ޗޯރް" ގައި ހިމެނޭ އެހެން ތަރިންނާ ބެހޭ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ވަައިއާރްްއެފްގެ ޒުވާނުންގެ ގޮފި ވައި-ފިލްމްސް އިން މީގެ ކުރިން ވެސް ވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފަ އެވެ.
އޭގެ ތެރޭގައި "ލަވް ކާ ދި އެންޑް" އާއި "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" އަދި "މޭރީ ޑޭޑް ކީ މަރޫތީ" ފަދަ ފިލްމްތައް ހިމެނެ އެވެ.