Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު ޝަރުއީ ދާއިރާ

އައްމަޓީގެ މައްސަލަ: ޕީޖީގެ ފާޑުކިޔުން ހުއްޓުވުމަށް އަމުރަކަށް އެދެފި

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން--

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލި މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް އަދި ޕީޖީގެ ވަކީލުން ކޯޓުތަކަށް ފާޑުކިޔާތީ އެކަން ހުއްޓުވުމުގެ އަމުރެއް ނެރުދިނުމަށް އައްމަޓީގެ ވަކީލު ސުޕްރީމް ކޯޓުގައި އެދެފިއެވެ.

ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފު ކުރުމަށްލިބޭ މުއްދަތުގެ ފަހުން ކަމަށްބުނެ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައެވެ.

އެ މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި އައްމަޓީގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ މިމައްސަލައިގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭގޮތަށް ސޯޝަލްމީޑިއާގައާ އަމިއްލަ ބްލޮގުގައި ލިޔަމުން އަންނަކަމަށެވެ. އެގޮތުން އައްމަޓީ ދޫކޮށްލުމުން ޕީޖީ ޝަމީމް މިދިޔަ އަހަރު ކުރެއްވި ޓްވީޓަކާއި މިއަހަރު ކުރެއްވި ޓްވީޓެއް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ޕީޖީ ހުސައިން ޝަމީމް–

ނިހާޔަތު ވިދާޅުވީ އައްމަޓީއާ މެދު އާންމުންގެ މެދުގައި ރުޅިވެރިކަމެއް، ނުބައި ތަސައްވުރެއް އުފެދޭ ގޮތަކަށް އަދި އޭނާއަކީ ކުށެއް ކޮށްފައިވާ ކުށްވެރިިއެއް ފަދަ މޭރުމަކުން އޭނާއަށް މިކަމުގައި އަދުލު އިންސާފު ލިބުމަށް ހުރަސްއެޅުމުގެ ގޮތުން ޕީޖީ ޝަމީމް އަދި ޕީޖީ އޮފީހުގެ ވަކީލުން ވާހަކަ ދައްކަވާ ކަމަށެވެ. އަދި ބަންދާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމަކާ ގުޅިގެން ފަނޑިޔާރުންގެ ޒާތާ ބެހި، އެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބަސްތައް ރައްދުކޮށް، ޕްރޮސެކިއުޓާ ޖެނެރަލް ބޭނުންފުޅުވާ ގޮތަށް ނޫން ގޮތަކަށް އަމުރެއް ވިޔަސް ވެސް އަދި ނިންމުމެއް ވިޔަސް ނުނިންމޭނެ ފަދައަކުން އެނގިގެންދާ ގޮތަށް އަމަލު ކުރައްވަމުން ގެންދަވާފައި ހުރިކަން ނިހާޔަތު ފާހަގަކުރެއްވިއެވެ.

އެގޮތުން އައްމަޓީގެ މައްސަލައިގައި މީގެކުރިން ހައިކޯޓުގެ އަޑުއެހުމެއްގައި ޕީޖީގެ ވަކީލުން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީއާ ގުޅޭގޮތުން ދެއްކި ވާހަކައާއި، އަދި އެ ކަމާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުން ޕީޖީގެ ވަކީލަށް ރައްދު ދެއްވުމުން އެކަމާ ގުޅިގެން ޕީޖީ ޝަމީމް ލިޔުއްވި ބްލޮގެއްގައި ފަނޑިޔާރުންނަށް އަމާޒުކޮށް ދެއްކެވި ވާހަކަތައްވެސް ނިހާޔަތު ފާހަގަކުރެއްވިއެވެ.

އައްމަޓީގެ ވަކީލް ނިހާޔަތުގެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ، އެ މޭރުމުން މި މައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ނުވަތަ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ބާރު އެޅުމަށް ކުރިކަމެއް ނޯންނާނެ ކަމަށެވެ. އަދި އެކަމަކީ ވަކި މީހަކު ކުރިކަމެއް ކަމަށްވާނަމަ ގޮތެއް ނިންމަންވާނީ އެ މީހަކާ ދެކޮޅަށް މައްސަލަ ހުށަހެޅި، އެ މީހަކާ އެއްކޮށް މައްސަލައިިގައި ވާހަކަ ދެކެވި ބަހުސްކުރެވިގެން ކަމަށެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވީ އަމުރާ މެދު ނިންމާގޮތެއް ދެފަރާތަށްވެސް މިއަދު އަންގަވާނެ ކަމަށެވެ. މިމައްސަލައިގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު މަހާޒް އަލި ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.