އައްޑޫ ސިޓީ ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލަށް ހޮވިވަޑައިގަތް ހަ މެމްބަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މި މަހުގެ 26 ގައި ބާއްވާ އިރު، އީސީސީ އެކަމަށް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލަށް އަަލަށް ހޮވިވަޑައިގަަތް ހަ މެމްބަރުންގެ ތެރޭގައި، މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ.
އެއީ ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ އަދި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރައްވާ ހުސައިން ހިލްމީގެ އިތުރުން މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ އަބްދުﷲ ތޮއްޔިބް (ޓޮމް) އެވެ.
އަލަށް ހޮވިވަޑައިގަތް ތިން ބޭފުޅުންނަކީ ހިތަދޫ ދެކުނު ދާއިރާ އަށް މުހައްމަދު ޔަސްރިފް، ފޭދޫ ދާއިރާ އަށް އަބްދުﷲ އަސްވާން (އަތޯ) އަދި ހުޅުމީދޫ ދާއިރާ އަށް އަލީ މުހައްމަދު (އައްދު) އެވެ.
މި ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 26 ވަނަ ދުވަހު ހެނދުނެވެ.