Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު ޝަރުއީ ދާއިރާ

ވެރިން އައްމަޓީގެ ވާހަކަ ދެއްކުން މަނާކޮށްފި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލި މައްސަލަ ކޯޓުން ނިމެންދެން، އެ މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް ވެރިއަކު ހިޔާލުފާޅުކޮށް ނެހެދުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، އައްމަޓީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލި މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް އަދި ޕީޖީގެ ވަކީލުން ކޯޓުތަކަށް ފާޑުކިޔާތީ އެކަން ހުއްޓުވުމުގެ އަމުރެއް ނެރުދިނުމަށް އައްމަޓީގެ ވަކީލު ސުޕްރީމް ކޯޓުގައި އެދުމުންނެވެ.

ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފު ކުރުމަށްލިބޭ މުއްދަތުގެ ފަހުން ކަމަށްބުނެ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައެވެ.

އެ މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި އައްމަޓީގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ މިމައްސަލައިގައި ކޯޓާއި ފަނޑިޔާރުންގެ ހައިބަތަށް އުނިކަން ލިބޭގޮތަށް ސޯޝަލްމީޑިއާގައާ އަމިއްލަ ބްލޮގުގައި ލިޔަމުން އަންނަކަމަށެވެ. އެގޮތުން އައްމަޓީ ދޫކޮށްލުމުން ޕީޖީ ޝަމީމް މިދިޔަ އަހަރު ކުރެއްވި ޓްވީޓަކާއި މިއަހަރު ކުރެއްވި ޓްވީޓެއް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ މީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއްނެތް މީހެއްކަމަށް ބެލުމުގެ ހައްޤު ލިބިގެންވާ މީހެއްކަމަށެވެ. އެހެންކަމުން މި ހައްޤަށް އުނިކަން އަންނަގޮތަށް، ފަރުދުންގެ ހައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ޤާނޫނުއަސާސީން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، އައްމަޓީ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން، ހިޔާލުފާޅުކޮށް ނެހެދުމަށް އަމުރުކޮށްފައިވެއެވެ.

އަދި މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމުގައި ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

މި އަމުރު ނެރުއްވާފައިވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ފަނޑިޔާރު މަހާޒް އަލި ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

މީގެކުރިން ޓެރަރިޒަމްގެ ދައުވާލިބޭ މުހައްމަދު އަމީންގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައިވެއެވެ.