Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

ނުފުށަށް ޖެހިފައި ހުރި ވެލާތަކެއް ސަލާމަތްކޮށްފި

ފަޅު ރަށެއްގައި ނުފުށަށް ޖެހިފައި ހުރި ވެލާތަކެއް ސަލާމަތްކޮށް، އެ އެއްޗެހި މޫދަށް ދޫކޮށްލައިފި އެވެ.

ލ. އަތޮޅުގެ އަތަހެނދާ ކިޔާ ރަށެއްގެ އަތިރިމަތިން އެއްގަމުގައި ގަހެއްގެ ދަށުގައި ނުފުށުން ޖެހިފައި ތިބި މި ވެލާތައް ސަލާމަތްކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއީ ފަސް ވެލަ އެވެ. އަދި ފެންނަ ފެނުމަށް އެއީ ވަރަށް ސިއްހަތު ރަނގަޅުކޮށް، ބޮޑެތިކޮށް ތިބި ވެލާތަކެކެވެ. އެކަމަކު އެ އެއްޗެހި ނުފުށުން ޖެހި، އަމިއްލަ ޒާތުގައި ހަރަކާތްނުކުރެވޭ ގޮތް ދިމާވީ ކިހިނެއް ކަމެއް ސާފެއް ނިވެ އެވެ.

މި ވެލާތައް ފެނުނީ ސިކްސް ސެންސް ލާމު ރިސޯޓުން، އަތަހެނދާ އަށް ޕިކްނިކް ދިޔަ ޓޫރިސްޓުންތަކެވެ. އަދި އެ އެއްޗެހި ސަލާމަތްކޮށް މޫދަށް ދޫކޮށްލުމުގައި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓާއި ސިކްސް ސެންސަސް ލާމު ރިސޯޓާއި މަންޓާ ޓްރަސްޓާއިު ބްލޫ މެރިން ފައުންޑޭޝަން އަދި ފުލުހުން ވެސް ބައިވެރިވެފައިވެ އެވެ.

މި ވާހަކަ އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ އިންސްޓަގްރާމްގައި ވެސް ފޮޓޯތަކާ އެކީ ހިއްސާކޮށްފައިވެ އެވެ.

ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭން ނެތިއުމުގެ ބިރު އެންމެ ބޮޑު އެއް ބާވަތަކީ ވެލަ އެވެ. އެގޮތުން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ "ރެޑް ލިސްޓް" ގައި ރާއްޖޭގައި އުޅޭ ފަސް ބާވަތެއްގެ ވެލާ ހިމެނެ އެވެ. އެއީ ލެދަބެކް ސީ ޓާޓަލް (މުސިންބީ)، އޮލިވް ރިޑްލީ ޓާޓަލް (ވާވޮށި ވެލާ)، ގްރީން ސީ ޓާޓަލް (ވެލާ) ،ލޮގަހެޑް ސީ ޓާޓަލް (ބޯބޮޑު ވެލާ) އަދި ހޯކްސް ބިލް ސީ ޓާޓަލް (ކަހަނބު) އެވެ.