ސ. ފޭދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިހުތިޝާމް ނަޖީބް (އިންތާ) އަނެއްކާ ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ބަދަލުކޮށްފި އެވެ.
އިންތާ މިއަދު ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ އިއްޔެ އިން ފެށިގެން ކަމަށެވެ. އެހެން ނަމަވެސް އެތަނަށް އޭނާ ބަދަލު ކުރި ސަބަބެއް، ހޮސްޕިޓަލުން ފޮނުވި ލިއުމުގައި ބުނެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިންތާ ބަދަލު ކުރީ އެޗްއާރްއެޗްގެ ޕަބްލިކް ހެލްތު ޔުނިޓަށެވެ.
އޭނާ ވަނީ މީގެ ކުރިން ވެސް ދުވަސްތަކެއް ވަންދެން އެތަނުގައި މަސައްކަތް ކުރައްވަައިފަ އެވެ.
އެކަމަކު އުފަން ރަށުގެ ސިއްހީ މަރުކަޒުން އަނެއްކާ ވެސް ހިތަދޫގައި ހުންނަ އެޗްއާރްއެޗަށް ބަދަލު ކުރި ސަބަބެއް އަންގާފައި ނެތުމުން، އިންތާ ހުންނެވީ އެކަމާ ހިތްހަމަނުޖެހިވަޑައިގެންފަ އެވެ.
"އަޅުގަނޑުގެ ވަޒީފާ ކުއްލި ގޮތަކަށް އެހެން ތަނަކަށް ބަދަލު ކުރީ ކީއްވެކަން ބުނެދެވޭ ވަރުގެ ވެރިއެއް މި ސަރުކާރުގެ ހެލްތު މިނިސްޓްރީގަ ނެތް. އަދި ހޮސްޕިޓަލްގެ ވެރި މީހާ އަށް ވެސް ހީވެސް ނުވޭ. މިއީ މަޖާ ކަމެއް،" އެޗްއާރްއެޗަށް ބަދަލު ކުރިކަން އެންގުމުން އިންތާ އިއްޔެ އެފްބީގައި ލިއުއްވާފައިވާ ސްޓޭޓަސްގައިވެ އެވެ.
އޭނާ އެޗްއާރްއެޗަށް ބަދަލު ކުރެއްވި އިރު، ސިއްހީ މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކޮށް، ތަނުގެ ޖާގަ ބޮޑު ކުރަން ވެސް މަސައްކަތްތަކެއް ކުރައްވާފައިކަން ވެސް ފާހަގަ ކުރެވެ އެވެ.
އޭގެ ތެރޭގައި ދާދި ފަހުން ސިއްހީ މަރުކަޒުގެ އަވަސް ފަރުވާ ދޭ ކޮޓަރިއެއް ހެދުމާއި އެތަނުގެ ޖާގަ ބޮޑު ކުރުމުގެ އިތުރަށް، އޮފީސް ބައި ވެސް ބޮޑުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. އަދި އިދާރީ ގޮތުން މުވައްޒަފުންގެ ކަންތައްތައް ފަސޭހަ ކުރަން ވެސް މަސައްކަތްތަކެއް އިންތާގެ އިސް ނެންގެވުގެ މަތިން ސިއްހީ މަރުކަޒުގައި ކޮށްފައިވެ އެވެ.