Last Updated: November 24, 21:27
Sunday, November 24, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (6)

(ފެބްރުއަރީ 19، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އައްޑު އަތޮޅު ތަރައްގީ ކުރެއްވުމުގެ މަޝްރޫއުތައް

* އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ)

އައްޑު އަތޮޅގެ ތަރައްގީ އަށްޓަކައި ބޭނުންވާ މަޝްރޫއުތައް އަވަހަށް ހިންގޭނެ ގޮތް ހަމަޖެއްސެވުމަށާއި ގަމާ ބެހޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކާ މެދު ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަަވައި، ގޮތެއް ކަނޑައެޅުއްވުމަށާއި މިކަންކަން ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްޓަކައި ހަތް މެމްބްރުންގެ މައްޗަށް އެކުލެވޭ އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) ރައީސް އުފެއްދެވީ މާޗް 1، 1981 ވަނަ ދުވަހު އެވެ.

މި ކޮމިޓީގައި އައްޑޫގެ ބޭފުޅަކު ނުހިމެނުނު ނަމަވެސް، މި ހަތް ބޭފުޅުންނަކީ ވެސް ރައީސް ވަރަށް އިތުބާރު ކުރައްވާ އަދި ވަރަށް އަރިސް ބޭފުޅުންނެެވެ. އޭޑީއޭ އަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ:

1. އަލްއުސްތާޒް އަބްދުﷲ ހަމީދު
2. ޑރ. މުހައްމަދު ޒާހިރު ހުސައިން
3. އަލްއުސްތާޒް ފަތުހުﷲ ޖަމީލް
4. އަލްފާޟިލް އިލްޔާސް އިބްރާހީމް
5. އަލްފާޟިލް އަހުމަދު ޒާހިރު
6. އަލްފާޟިލް އަބްދުއްރަޝީދު ހުސައިން
7. އަލްފާޟިލް ހުސައިން މަނިކުފާން ސިއްކަގޭ

އައްޑު އަތޮޅު ގަމުގައި އޭޑީއޭ ޕްރޮޖެކްޓް ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުވީ މާޗް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 6:30 ގަ އެވެ.
މި ރަސްމިއްޔާތުގައި ޕްރޮވިންޝަލް މިނިސްޓަރު އަބްދުﷲ ހަމީދު ރައީސްގެ ހިތާބެއް އިއްވެވި އެވެ. މި ރަސްމިއްޔާތުގައި އޭޑީއޭ ޕްރޮޖެކްޓްސް ޔުނިޓްގެ ކުރިމަތީގައިވާ ދިދަ ދަނޑިއަށް ދިދަ ނެންގެވީ ހަމީދެވެ. މި އޮފީސް އިމާރާތަކީ އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރު ގެމުގެ އެޑްމިން އޮފީހެވެ. އޭޑީއޭ ގަމުގެ އޮފީސް ހުޅުއްވައި ދެއްވީ އިލްޔާސެވެ.
އަދި ހަމަ މިއަދު ގަމާއި ފޭދޫ ގުޅުވައިދޭ ފާލަމުގެ ބިންގާ އެޅުން ވެސް އޮތެވެ. މި ރަސްމިއްޔާތު ވެސް ފުރިހަމަކޮށް ދެެއްވީ އިލްޔާސެވެ. އޭޑީއޭ އިން ގަމާ ހަވާލުވި އިރު، އެއާޕޯޓްގެ މުވައްޒަފުންނާ އެކު ގަމުގައި ތިބީ 55 މުވައްޒަފުންނެވެ.
މީގެ ތެރެއިން 3/1 އަށް ވުރެ ވެސް ގިނައީ ސިކިއުރިޓީންނެވެ. މީގެ ފަސް އަހަރު ކުރިން 900 ވަރަަކަށް ދިވެހި މުވައްޒަފުން މަސަައްކަތްކޮށް ބެލެހެއްޓި ގަން މިއަދު ވަނީ ނުބެލެހެއްޓުމުގެ ސަބަބުން ވާވެ، ފަޅުވާން ފަށައިފަ އެވެ.

މި ޕްރޮޖެކްޓް ހިނގަން ފެށީ ރައީސް އޮފީހުގެ ހާއްސަ ބަޖެޓަކުންނެވެ. ފަހުން އެޓޮލްސް މިނިސްޓްރީގެ ބަޖެޓްގެ ބައެއްގެ ގޮތުގަ އެވެ. މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުގައި ގަމާ ބެހޭ ވަކި ހާއްސަ ސެކްޝަނެއް ހިނގަމުން ދިޔަޔަސް ގަމާ ބެހޭ އޭޑީއޭގެ ވަކި އޮފީހެއް މާލޭގައި ވެސް ހުރެ އެވެ.

ގަމުގެ ސިޓީ ހޮޓާ ކަމުގައިވާ އީކްއެޓަ ވިލެޖަކީ އައްޑު އަށް ޓޫރިޒަމް ތައާރަފު ކުރެއްވުމުގެ ނިޔަތުގައި އޭޑީއޭ އިން ކުރައްވާފައިވާ އިންވެސްޓްމަންޓެކެވެ. މި ހޮޓާ ތަރައްގީކޮށްފައި ވަނީ އިނގިރޭސިން ގަމުގައި ތިބި ދުވަސްވަރު ސާޖަން ކުއާޓަރަކަށް ބޭނުން ކުރި އޭރިއާގެ އިމާރާތުގަ އެވެ. ނަމަވެސް އޭޑީއޭ އިން މިތަން ހިންގަވާކަށް ބޭނުމެއް ނުވި އެވެ. ވީމާ އެތަން ކުއްޔަށް ދޫކުރީ އެވެ.

ގަމުގެ މުދަލާއި ތަކެއްޗާއި ތަންތަނުގެ ތެރެއިން އެސްޓީއޯ އިން ބޭނުން ކުރަމުންދާ އިމާރާތްތަކާއި ފިއުލް ފާމާއި ފިއުލް ޖެޓަކީ އެސްޓީއޯގެ މިލްކަށްވެފައި ވަނީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ސްޓެލްކޯގެ ބޭނުމަށް ނަގާފައިވާ ޕަވަ ހައުސް އާއި އެހެނިހެން އިމާރާތްތަކަކީ އެ ކުންފުނީގެ ތަންތަނަށް ވެދިޔަ ގޮތެއް ވެސް ނޭނގެ އެވެ. މި ހުރިހާ ތަންތަނަކީ ވެސް އިނގިރޭސިން ދޫކޮށްފައި ދިޔަ އިމާރާތްތަކާއި ތަންތަނެވެ.

ވީމާ އޭޑީއޭގެ މިލްކުވެރިކަމުން މި ތަންތަން ވަކިވެގެން ދިއުމަކީ ގަމާ ހަވާލު ކުރައްވާފައިވާ އޭޑީއޭ އަށް ލިބޭ ގެއްލުމެކެވެ. މިހެން މިކަން އޮތްވައި ގެމުގެ ބޯ ފެނާއި ނަރުދަމާ ނިޒާމްގެ މަރާމާތުތައް ބޮޑުވެ، ހަރަދުތައް ވެސް ބޮޑުވެގެން ދާތީ މި ނިޒާމް އެމްޑަބްލިއުއެސްސީ (ސަރުކާރުގެ ފެން ކުންފުނި) އާ ހަވާލު ކުރަން ނިންމި ހިނދު މުޅި ސިސްޓަމް އަގުކޮށް ބަދަލު ދޭން ޖެހުނު މައްސަލައަކަށްވުމުގެ ސަބަބުން އެގޮތަށް ކުރިއަށްދާ ގޮތެއް ނުވި އެވެ. ވުމާ އެކު ގަމުގެ ފެނާއި ނަރުދަމާ ނިޒާމަކީ އޭޑީއޭ އިން ހިލޭ ދޫކުރެވިފައިވާ ހިދުމަތަކަށްވެފައިވެ އެވެ. (ނުނިމޭ)

——————————————————————————————
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސްކުރަމެވެ.
—————————————————————————————–